ޚަބަރު

ސިނާޢަތުގެ މަޝްވަރާއާއެކު މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އަރަބިއަން ޓްރެވެލް މާކެޓަށް: ޝިއުރީ


  • ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރގައި އޭޓީއެމް ކުރިއަށް ދާނީ މިމަހުގެ 28އިން 1 މޭއި

  • މިފެއަރގައި ރާއްޖެއިން 230އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވޭ

އައިޓީބީއަށް ވުރެ ބޮޑު އިސްކަމެއް މިހާރު އަރަބިއަން ޓްރެވެލް މާކެޓަށް ދޭންޖެހޭ ކަމަށް މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ. ޝިއުރީ މިހެން ވިދާޅުވީ އަރަބިއަން ޓްރެވެލް މާކެޓަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައެވެ.

މިމަހުގެ 28އިން އަންނަ މޭއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވެލް މާކެޓުގައި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއިން ބައިވެރިވާނެއެވެ. މިފެއަރގައި މިފަހަރު ރާއްޖެއިން 111 އެގްޒިބިޓަރުން ބައިވެރިވާނެއެވެ. އަދި 230 އަށް ވުރެ ގިނަ މަންދޫބުން ރާއްޖެ ތަމްސީލް ކުރަން ވަނީ ހަމަޖެހިފައެވެ. ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރގައި ކުރިއަށް ގެންދާ މިފެއަރ އަށް މިއަހަރު ހާއްސަ އިސްކަމެއް ދޭނެ ކަމަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، އަރޭބިއަން ޓްރެވެލް މާކެޓަކީ މިހާރު ދުނިޔޭގައިވެސް ބޭއްވޭ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރ ކަމަށެވެ. އަދި ގިނަ ފަރާތްތަކާއި އެކު ކުރެވުނު މަޝްވަރާތަކުން މިފެއަރއަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭކަން އެނގިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ބޭފުޅުންނާއި ބައްދަލުކޮށް އެމީހުންގެ ޚިޔާލުތައް ހޯދިއިރު، އެންމެންވެސް މަޑުމަޑުން ބުރަވެވެނީ އައިޓީބީއަށް ވުރެ މިފެއަރ މިހާޜު ބޮޑު އެބަވެއޭ. އިސްކަން މިފެއަރ ދޭން އެބަޖޭހެ. އެގޮތަށް ވިސްނާފައި އަޅުގަނޑުމެން މިފަހަރު ވަރަށް ބޮޑު ފޯކަސްއެއް މިފެއަރ މިދިނީ. އެހެންވީމަ ވަރަށް ގިނަ ތަފާތު ކަންތައްތައް މިފެއަރގައި ފެނިގެންދާނެ. " ޝިއުރީ ވިދާޅުވިއެވެ.

މިފަހަރު ކުރިއަށް ގެންދާ އަރަބިއަން ޓްރެވެލް މާކެޓުގައި 160 ޤައުމަކުން 46000 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވެއެވެ. އަދި މިފެއަރގައި، 90،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު، މިފެއަރގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ވިދާޅުވެފެއެވެ.

މިއަހަރުގެ އަރަބިއަން ޓްރެވެލް މާކެޓުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، މިފެއަރގެ ތެރެއިން ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލާ ވިޔަފާރިތަކާއި އެކު ގިނަ ބައްދަލުވުންތައް ބޭއްވިގެންދާނެއެވެ. މިއަހަރު ފެއަރގައި ރާއްޖޭގެ ސްޓޭންޑް ވަނީ ލިވަޕޫލްއާއެކު ކޯބްރޭންޑުކޮށްފައެވެ.