މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެވެ. ސްޓެލްކޯއިން މިހެން ވިދާޅުވީ އިހްސާސްކުރެވޭ ހޫނުމިން މަތިވެ ކަރަންޓު ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ.
ސްޓެލްކޯއިން ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރަކަށްވުމާއެކު، އިހުސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިކަމަށެވެ. އެހެން ކަމުން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއްކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
ހޫނު ދުވަސްވަރަކަށްވުމާއެކު ޚާއްސަކޮށް އޭސީ ފަދަ ވަސީލަތްތައް ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސްކުރާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހުގެ 15:00ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެ.
އަދި މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައިކަމަށާއި އެހެންކަމުން އެންމެން މިކަމަށް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއްކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ މާރިޗް އަދި މި ހިނގާ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށް ދާނެ ދުވަސްވަރުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.