ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި މަގުމަތީގެ ހިނގާލުން، ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
އަސްކަރިއްޔާގެ ހިނގާލުމުގައިކަނޑާއި، އެއްގަމާއި އަދި ވައިގެ އެކި ބަހާތަަކަށް ނިސްބަތްވާ ސިފައިންނާއި އަސްކަރީ ސިފައިންނާއި އުޅަނދުތައް ވަނީ ދައްކާލާފައެވެ.
ޝަރަފުގެ ހިނގާލުން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ދިފާޢީ ވަޒީރު ޣައްސާން މައުމޫނުއާއި ސަރުކާރުގެ ވަޒީރުންނާއި، އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މި ހިނގާލުން ބަލާލުމަށް ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު އެ ހިނގާލުން ކުރިއަށްދިޔަ ސަރަޙައްދުތަކަށް ވަނީ ޖަމާވެފައެވެ.
ސިފައިންގެ މަގުމަތީ ހިނގާލުން ޝަރަފުވެރިކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހިނގާލުން ބަލާލުމަށް ރައީސް އޮފީސް ސަރަހައްދަށް ޖަމާވި އާއްމުންނާއެކު ފޮޓޯވެސް ނަންގަވާފައެވެ.
އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ފެށީ ބަންޑާރަކޮށިންނެވެ. ޝަރަފުގެ ހިނގާލުމުގައި ސިފައިގެ ލަޝްކަރު މާލޭގެ ފަސް ސަރަޙައްދަކަށް މަޑުކޮށް، އެކި ހުށަހެޅުންތައް ހުށަހަޅައިދޭނެއެވެ. މި ހިނގާލުމުގައި ލަޝްކަރު މަޑުކުރާނީ އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ.
މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
ދިފާޢީ ބާރުން ފާހަގަކުރައްވާގޮތުގައި މި ހިނގާލުމުގެ ބޭނުމަކީ ދިވެހި އަސްކަރިއްޔާގެ މުހިންމުކަން ބުނެދީ، ޤައުމުގެ ދިފާޢުގައި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮންނަ އޮތުން ދައްކުވައިދިނުންކަމަށެވެ. އަދި ރައްޔިތުންނާއި ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމަކީވެސް މި ހިނގާލުމުގެ ވަރަށް ބޮޑު މަޤުޞަދެއްކަމަށް ދިފާޢީ ބާރުން ފާހަގަކުރެއެވެ.