ފިރިހެނުންގެ ލޯންގކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ.
ހަންގޭރީގައި ކުރިއަށް ދިޔަ އެޤައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައި އާން މިރެކޯރޑް އާކޮށްފައިވަނީ 00.26.77 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މުޙައްމަދު ރިޙާން ޝިޙާމެވެ. އެ މުބާރާތުގައި ރިޙާން ރޭސް ފުރިހަމަކޮށްފައިވަނީ 00.26.98 އިންނެވެ.
ހަންގޭރީގައި ކުރިޔަށްދާ މުބާރާތުގައި އަންހެނުންގެ ލޯންގކޯސް 100 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑްވެސް ރާއްޖޭގެ ޙަމްނާ އަޙުމަދު ވަނީ އާކޮށްފައެވެ. ހަންގޭރީގައި ކުރިއަށް ދާ އެޤައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައި ޙަމްނާ މިރެކޯރޑް އާކޮށްފައިވަނީ 01:23.38 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މީގެ 9 އަހަރު ކުރިން އައިޝަތު ސާޖިނާ އެވެ. އެއީ، 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 01:24.65 އިން ރޭސް ފުރިހަމަކޮށްގެންނެވެ.