ޚަބަރު

މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު %14 އިތުރު


  • މަސްވެރިން ކިރުވި މަހަށް މިދޔަ ހަފްތާގައި 14.6 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ

  • މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވަނީ 254 ދޯންޏަކުން

މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 14.6 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވާ 12.8 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %14 އިތުރު އަދަދެކެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން ކުރީ ހަފްތާގައި 243 ދޯންޏަކުން މިފްކޯއަށް މަސް ކިރުވާފައިވާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވަނީ 254 ދޯންޏަކުންނެވެ.

މަސްވެރިންނަށް މިދިޔަ ހަފްތާގައި 14.6 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އެންމެ ގިނައިން މަސް ކިރުވާފައިވަނީ އޭޕްރީލް 19 ވަނަ ދުވަހުއެވެ. އެދުވަހު 45 ދޯންޏަކަށް ވަނީ 3.8 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. އެގޮތުން މިހާތަނަށް 470 މިލިޔަނެއްހާ ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދުވަހަށް ދުވަހުން ފައިސާ ދޭން ފެށުމުން އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ހުއްޓުމެއް ނެތި ދުވަހުން ދުވަހަށް ފައިސާ ދެމުންދާނެކަމަށެވެ. މީގެއިތުރުން މަސްވެރިންނަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތައްވެސް ސަރުކާރުން ފޯރުކޮށްދެމުންދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު ނިމޭއިރު ކޮންމެ އަތޮޅަކުންވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވިއެވެ. އަދި ފަސޭހައިން އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.