މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީ ފަރުވާއަށް ދައުލަތުން 25 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ވިދާޅުވެއްޖެވެ.
އެންސްޕާއިން މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ކުރައްވާފައިވާ ސުވާލުތަކަށް ލިއުމުން ދެއްވި ޖަވާބުގައެވެ.
މެމްބަރު މުޙައްމަދު އިބްރާހީމް ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދީންގެ ތެރެއިން ތެރަޕީ ޚިދުމަތް ބޭނުންވާ ކިތައް ފަރާތް އެންސްޕާގައި ރަޖިސްޓްރީ ކުރެވިފައި ވޭތޯއާއި އަދި އޭގެތެރެއިން ރާއްޖެއިން ބޭރުގައި ދިރިއުޅެނީ ކިތައް ފަރާތްތޯ ސުވާލުކުރައްވާފައެވެ.
މިސުވާލުތަކަށް އެންސްޕާއިން ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް މިއަހަރުގެ މާޗު މަހުގެ ނިޔަލަށް 675 ފަރާތަކަށް 25.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ.
އެއީ 18 އަހަރުން ދަށުގެ 652 ކުއްޖަކަށް 24.8 މިލިޔަން ރުފިޔާ، އަދި 18 އަހަރުން ދަށުގެ ކުދީންގެ ތެރެއިން ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ޚިދުމަތް ހޯދުމަށް 30 ފަރާތަކަށް ފޯރުކޮށްދިން 1.2 މިލިޔަން ރުފިޔާކަމަށް އެންސްޕާއިން ވިދާޅުވެ.
އެންސްޕާއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ތެރެޕިއުޓިކް ފަރުވާއަށް މިދިޔަ އަހަރު ވަނީ 96.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެެވެ. އެއީ 18 އަހަރުން ދަށުގެ 1031 ކުއްޖަކަށް ޚަރަދުކުރި 94 މިލިޔަން ރުފިޔާއާއި 18 އަހަރުން ދަށުގެ ކުދީންގެ ތެރެއިން 54 ކުއްޖަކަށް ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ޚިދުމަތް ހޯދުމަށް ދިން 4.2 މިލިޔަން ރުފިޔާއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް، ދާދި ފަހުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްވަނީ އެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި، އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ.
މިބައްދަލުކުރެއްވުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދެމުންދާ ތެރަޕީތަކާއި ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަޒީރާ ހިއްސާކުރައްވާފައެވެ. އަދި ވަޒީރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޞިއްޙީ ޚިދުމަތް ހޯދުމަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން"ގެ ނަމުގައި ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ. މި ޕްލޭނާއެކު އެމީހުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރަށް ކަށަވަރުކުރެވޭނެކަމަށް އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.