މޫދުވިނަ އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމަށް ބ. ފެހެންދޫގައި އަމިއްލަ ފަރާތަކުން މަޝްރޫޢެއް ފަށައިފިއެވެ. މިއީ ރައްޖޭގައި އަލަށް ފެށޭ މަސައްކަތެކެވެ. "ފްލޯޓިން އޭކަރސް" ނަމަކަށް ކިޔާ ކުންފުންޏަކުން ފެށި މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވީ މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ވަޞީލަތްތަކުން ނަފާ ހޯދުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. މި ސިޔާސަތުގެ ދަށުން ދިވެހި ކަނޑުތަކުގައި މެރިކަލްޗަރގެ ދިރުންތައް އާލާކޮށް، އެކްސްޕޯޓްކުރުމުގެ މަގު ފަހިވެފައިވާކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އެ ގޮތުން ފެހެންދޫގައި މިހާރު އަމިއްލަ ފަރާތަކުން ޚާއްސަ މަޝްރޫޢެއް ފަށާފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް އިޤްތިޞާދީ ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރަތަމަ… pic.twitter.com/NMYqnIzxz0
— Ministry of Fisheries and Ocean Resources (@MFORmv) April 20, 2025
މުއްޠަލިބު ވިދާޅުވީ ފްލޯޓިން އޭކަރސް ކުންފުނިން ހައްދަމުންދަނީ ކާތަކެތި ތައްޔާރުކުރުމާއި ބޭހާއި ކޮސްމެޓިކްސްގެ އެކި ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މޫދު ވިނައިގެ ބާވަތެއް ކަމަށެވެ. އަދި ވިނަ ހިއްކުމަށްފަހު އެކްސްޕޯޓްކުރާނެކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އެ ގޮތުން އިންޑިޔާގެ މާކެޓަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މުއްޠަލިބު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން އިޤުތިޞާދީ ގޮތުން ވަރަށް ބޮޑަށް މަންފާ ކުރާނެކަމަށެވެ. އެ ގޮތުން ރަށްރަށް ކައިރީގައި މޫދު ވިނަ ހައްދާއިރު، ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާ ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ގޮތުން މިހާރު ފެހެންދޫގެ 20 މީހަކަށް ވަޒީފާ ލިބިފައިވާކަމަށްވެސް މުއްޠަލިބު ވިދާޅުވިއެވެ.
ދުނިޔޭގެ މޫދު ވިނައިގެ މާކެޓުގެ 98 އިންސައްތަ ހިއްސާކުރަނީ އޭޝިޔާ ބައްރުން އުފައްދާ މޫދު ވިނައަށެވެ. ހިއްކި މޫދު ވިނައިގެ ކިލޯއެއްގެ އަގަކީ ގާތްގަނޑަކަށް 1.8 ޑޮލަރެވެ.
ރާއްޖޭގައި މެރިކަލްޗަރގެ ދާއިރާ ފުޅާކުރެއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. މެރިކަލްޗަރގެ މަޝްރޫޢުތައް ހިންގަން ބޭނުންވާ އިންވެސްޓަރުންނަށް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުރުޞަތުދެއްވާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ސަރުކާރުން މިހާރު ވަނީ މެރިކަލްޗަރއާއި އެކުއަކަލްޗަރގެ ދާއިރާ ފުޅާކުރެއްވުމަށް ރާއްޖޭގެ ކަނޑުން 5 ސަރަހައްދެއް އެކަމަށް ޚާއްސަ ކުރައްވައި ކަނޑައަޅުއްވާފައެވެ.