ޚަބަރު

ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ކުޑަކުދިން ބަލަހައްޓާނެ ޚާއްޞާ ތަނެއް ހުޅުވައިފި


  • މުވައްޒަފުންގެ އުފެއްދުންތެރިކަން ދެމެހެއްޓުމަށް އެތައް ގޮތަކުން މަގުފަހިވެގެންދާނެ

  • މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވާނެ

ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ކުޑަކުދިން ބަލަހައްޓާނެ، ޗައިލްޑް-ކެއާ ސްޕޭސެއް ހުޅުވައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ އޮފީސްތަކުގައި ނުވަތަ މަސައްކަތްކުރާ ތަންތަނުގައި ކުޑަކުދިން ބަލަހައްޓާ 'ޗައިލްޑް ކެއާރ ސްޕޭސް' އެއް ހުރުމަކީ މަސައްކަތްކުރާ މައިންބަފައިންނަށް، ވަކިން ޚާއްސަކޮށް އަންހެން މުވައްޒަފުންނަށް އެހީތެރިވެ، އެމީހުންގެ މަސައްކަތު މާޙައުލާއި ޢާއިލީ ދިރިއުޅުމުގެ ވަޒަން ހަމަޖެއްސުމުގައްޔާއި ޖުމްލަކޮށް އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމަށެވެ. މީގެ ސަބަބުން މުވައްޒަފުންނަށް އެމީހުންގެ ދަރިން، ކައިރީގައި ރައްކާތެރި އަތްތަކެއްގެ ބެލުމުގެ ދަށުގައި ތިބިކަން އެނގި، އެމީހުންގެ ވިސްނުން މަސައްކަތަށް އަމާޒު ހިފެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ޗައިލްޑް-ކެއާރ ސްޕޭސްގެ ސަބަބުން، މުވައްޒަފުންގެ އުފެއްދުންތެރިކަން ދެމެހެއްޓުމަށް އެތައް ގޮތަކުން މަގުފަހިވެގެންދާނެ ކަމަށް އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މިފަދަ ތަނެއް ހުޅުވިގެން ދިއުމުން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވުމާއެކު، އެމީހުންގެ އުފެއްދުންތެރިކަން ތަރައްޤީވެ، ޤަވާއިދުން މަސައްކަތަށް ނިކުތުމަށް ބާރުއެޅިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިއީ މަސައްކަތުގެ މާޙައުލާ މެދު ޝައުގުވެރިކަމާއި ގާތްކަން އުފައްދައިދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ ޖާގަތައް ޤާއިމްކޮށް އޮފީސް މާހައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމުތައް ފަހިވެގެން ދިއުމަކީ، ވަޒީފާ އަދާކުރުމުގެ ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެ ވަޒީފާދޭ ފަރާތްތަކަށް ވެސް އެންމެ ރަނގަޅު މުވައްޒަފުން ހޯދުމާއި ދެމެހެއްޓުމަށް ބޭނުންކުރެވޭ ވަރުގަދަ ވަސީލަތެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ޗައިލްޑް-ކެއާރ ސްޕޭސްއަކީ ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން މިންތީގެ ހަމަހަމަކަމަށް ކުރާ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށާއި، އިދާރީ ފެންވަރެއްގައި ޖެންޑަރ މެއިންސްޓްރީމްކުރުމަށް ކުރާ މަސައްކަތް އެއްހަމަކުރުމަށް ޤާއިމްކުރި ތަނެކެވެ.

ދައުލަތުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގައި މިފަދަ ޖާގަތަކެއް ތަރައްޤީ ކުރުމަކީ، އަންހެނުން ބާރުވެރިކުރުމާއި، މަސައްކަތުގެ މާޙައުލުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދީ މުޖުތަމަޢުގައި އެފަރާތްތަކުގެ އަގު ވަޒަންކުރުމާއެކު، ޖެންޑާ މެއިންސްޓްރީމް ކުރުމަށް އިދާރީ ފެންވަރުގައި އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.