ޚަބަރު

ވަޑާންކުރުމާއި ރޭނުމުގެ މަސައްކަތް ހިމެނޭހެން އެމްޓީސީސީން 60 ވަޒީފާގެ ފުރުޞަތު


  • އެސިސްޓެންޓްގެ މަޤާމަށް 20 މުވައްޒަފުން

  • ކާޕެންޓަރުގެ މަޤާމަށް 20 މުވައްޒަފުން

  • މޭސަންގެ މަޤާމަށް 20 މުވައްޒަފުން

ވަޑާންކުރުމާއި ރޭނުމުގެ މަސައްކަތް ހިމެނޭހެން ގިނަ ޢަދަދެއްގެ ވަޒީފާގެ ފުރުސަތު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ހުޅުވާލައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ މި މުވައްޒަފުން ބޭނުންވަނީ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ކަމަށެވެ. އެގޮތުން، ހީވާގި، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އެމްޓީސީސީން ވިދާޅުވީ އެ ކުންފުނިން މުވައްޒަފުން ހޯދަނީ ތިން މަޤާމަކައް ކަމަށެވެ. އެއީ ޓެކްނިކަލް އެސިސްޓެންޓްގެ މަޤާމަށް 20 މުވައްޒަފުންނާއި ކާޕެންޓަރުގެ މަޤާމު ނުވަތަ ވަޑާންކުރުމުގެ މަސައްކަތަށް 20 މުވައްޒަފުން އަދި މޭސަން ނުވަތަ ރޭނުމުގެ މަސައްކަތްކުރުމަށް 20 މުވައްޒަފުން ހިމެނޭހެން ޖުމްލަ 60 މުވައްޒަފުންކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ޓެކްނިކަލް އެސިސްޓެންޓުގެ ގޮތުގައި އަސާސީ ތަޢުލީމު ހާސިލްކޮށްފައިވާ ކޮންމެ ދިވެއްސަކަށްވެސް ކުރިމަތިލެއްވޭއިރު ކާޕެންޓަރު އަދި މޭސަންގެ މަގާމުތަކަށް ކުރިމަތިލެއްވޭނީ އެ މަގާމުގެ ދާއިރާއިން ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

އެމްޓީސީސީން ވިދާޅުވެފައިވާ ގޮތުގައި ޓެކްނިކަލް އެސިސްޓެންޓްގެ މަގާމަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ ގޮތުގައި 10،000 ރުފިޔާ، ކާޕެންޓަރުގެ މަގާމަށް 11،400 ރުފިޔާ އަދި މޭސަންގެ މަގާމަށް 11،400 ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި ސްޓާފް މެޑިކަލް އިންޝުއަރެންސް ފައިސާ ލިބޭނެކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ. އަދި ޕެންޝަން ސްކީމުގައި ބައިވެރިކުރާނެ ކަމަށާއި ކެއުމާއި ހުރުމުގެ އިންތިޒާމް ކުންފުނީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 23:59ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.