މ.މުލީ އެއަރޕޯޓުގެ ޓެސްޓް ފްލައިޓް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ވިދާޅުވެއްޖެއެވެ. ޓެސްޓް ފްލައިޓް ބޭއްވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް އެ ކުންފުނިން އަންނަނީ ވަމުންނެވެ.
މުލީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގައި ހިމެނޭ ރަންވޭއާއި ޓަރމިނަލާ އަދި ރަންވޭ ހިމެނޭ ސަރަޙައްދުން ހިއްކަން ޖެހޭ ބިމުގެ ސަރަޙައްދު ހިއްކުމުގެ ހުރިހާ މަސައްކަތްތައްވެސް މިހާރު ވަނީ ނިންމާލާފައެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ.
ޓެސްޓް ފްލައިޓް ދަތުރުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ، މުލީ އެއަރޕޯޓް ހިންގާނީ ރީޖަނަލް އެއަރޕޯޓްސްގެ ދަށުންކަމަށެވެ.
އަންނަ ހުކުރު ދުވަހު ޓެސްޓް ފްލައިޓް ބޭއްވުމަށް ހަމަޖެހިފަވާއިރު، ފްލައިޓް ދަތުރު ބޭއްވުމަށް ތާވަލުކުރަމުންދަނީ ދުވަހުގެ މެންދުރު ފަހުގެ ވަގުތަށްކަމަށް މުބީން ވިދާޅުވިއެވެ.
ޓެސްޓް ފްލައިޓް ޖެއްސުމުގެ ކުރިން، އެއަރޕޯޓަށް މިވަގުތަށް ބޭނުންވާ މުވައްޒަފުންވެސް މިހާރު ވަނީ ހަމަކޮށްފައެވެ. އަދި އެމީހުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.
އެއަރޕޯޓްގެ ސަލާމަތާ ރައްކާތެރިކަމުގެ މިންގަނޑު ކަށަވަރުކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް، އެއަރޕޯޓްގެ ފަޔަރ ސްޓޭޝަނަށް ބޭނުންވާ ވަސީލަތްތަކާއި ފަޔަރ ޓްރަކްވެސް މިހާރު އެރަށަށް ގެންދިއުމުގެ މަގުމަތީގައިވާކަމަށް މުބީން ވިދާޅުވިއެވެ.
މީގެއިތުރުން، އެއަރޕޯޓާ ކައިރީގައި ޖަހާފައިވާ އެންޓަނާއެއްވެސް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށްގެންދަމުންނެވެ.
މުބީން ވިދާޅުވީ ވިޔަފާރި ދަތުރުތަށް ފަށާއިރު، އޮޕަރޭޝަނަށް ބޭނުންވާ އިތުރު މުވައްޒަފުން ނަގާ އެމީހުންނަށް ބޭނުންވާ ފުރިހަމަ ތަމްރީންތައް ދޭނެކަމަށެވެ. ވިޔަފާރި ދަތުރުތައް ފަށާނީ ޓެސްޓް ފްލައިޓަށްފަހު، ސިވިލް އޭވިއޭޝަނުން ބަލާ މިންގަނޑުތަކާއި އެސެސްމަންޓްތަކަށް ފަހުގައެވެ. މުބީން ބިދާޅުވީ ޓެސްޓް ފްލައިޓަށްފަހު ކޮމާޝަލް ނުވަތަ ވިޔަފާރި ދަތުރުތައް ފެށުމަށް މަހެއްހާ މުއްދަތު ހޭދަވާނެކަމަށެވެ. ފްލައިޓް ދަތުރުތައް އޮންނަ ދުވަސްތަކާ އަގުތައް މޯލްޑިވިއަންއިން އާންމުކުރާނެއެވެ.
ކުރިއަށް އޮތް ހަފްތާގައި ރައީސުޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މ. އަތޮޅަށް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މުލީ އެއަރޕޯޓްގެ ދަތުރުތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާނީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއެވެ.
މ.އަތޮޅަކީ އެއަރޕޯޓް ނެތް މަދު އަތޮޅުތަކުން އަތޮޅެކެވެ. އެ އަތޮޅަކީ 8000އެއްހާ މީހުންގެ އާބާދީއެއް އޮންނަ އަތޮޅެވެ.
މުލި އެއަރޕޯޓް މަޝްރޫޢުއަކީ 221 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މުލީ އެއަރޕޯޓްގެ މަސައްކަތް ފެށީ 2021ވަނަ އަހަރުއެވެ.