ޚަބަރު

ރައީސްގެ ތަސައްވުރަކީ އާމީ، ނޭވީ އަދި އެއަރފޯސް ހިމެނޭ ޔުނިފައިޑް އާމްޑް ފޯސްއެއް ޤާއިމްކުރުން


  • އިޤްތިޞާދު މިނިވަންކަމާއެކީގައި ހިމާޔަތްކޮށް ވަރުގަދަކުރެވޭނީވެސް އަސްކަރީ ޤާބިލްކަން އިތުރުކޮށްގެންކަން ފާހަގަކުރެއްވި

އާމީ، ނޭވީ އަދި އެއަރފޯސްގެ މައްޗަށް އެކުލެވޭ ޔުނިފައިޑް އާމްޑް ފޯސްއަކަށް ދިވެހި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަކީ ސަރުކާރުގެ ތަސައްވުރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަސްކަރިއްޔާގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅެއްގައިކަމަށާއި، އިޤްތިޞާދީ ކޮޅަށްޖެހުމުގެ މަސައްކަތަކާއެކު ފެއްޓެވި އަނެއް މަސައްކަތަކީ އަސްކަރިއްޔާ ތަރައްޤީކޮށް، ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްކަމަށެވެ. އަދި މިހާތަނަށް އައިއިރު އަސްކަރިއްޔާގެ ބާރު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށާއި، އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ތަސައްވުރު ހާސިލުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަނިކުފާނު މަސައްކަތް ކުރައްވަނީ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކެކޭ އެއްގޮތަށް ކަނޑާއި، އެއްގަމާއި ވައިގެ ބާރުތައް ހިމެނޭގޮތަށް ޔުނިފައިޑް އާމްޑް ފޯސްއެއްގެ ދަރަޖައަށް އެމްއެންޑީއެފް ތަރައްޤީކުރެއްވުންކަމަށެވެ.

"އަޅުގަނޑުގެ ތަސައްވުރަކީ މި މަސައްކަތް މިގޮތުގައި ކުރިއަށްގެންގޮސް ދުރު ނޫން މުސްތަޤްބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއަރ ފޯސްއެއް އުފެދި، ނޭވީ އުފެދި އަދި އާމީވެސް އުފެދުން. އެހާހިސާބަށް އަސްކަރިއްޔާގެ ބާރު ވަރުގަދަކުރުމަށް މަސައްކަތްކުރާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ ހިކިފަސްތަން މަދު، އަދި ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވުމަކީ މިނިވަންކަމާމެދު، ފަރުވާކުޑަކުރުމަށް އޮންނަ އުޒުރެއް ނޫންކަމަށާއި، އެއީ ފަޚުރުވެރިކަމާއެކު ކުރަންޖެހޭކަމެއްކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދު މިނިވަންކަމާއެކީގައި ހިމާޔަތްކޮށް ވަރުގަދަކުރެވޭނީވެސް ސިފައިންނަށް އަސްކަރީ ބާރުވެރިކަން ގެނެސްދީގެންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ޒަޢާމަތުގައި ސިފައިންގެއަށް ހުރިހާ ދާއިރާއަކުންވެސް ކުރިއެެރުން ގެނެސްދެއްވާނެކަމަށެވެ. އަދި ތަމްރީންކުރާ ސިފައިން އިތުރުކުރުމަށް ތަމްރީންދޭ މަރުކަޒުތައް ބޮޑުކޮށް. އެތަންތަނުގެ ކެޕޭސިޓީވެސް އިތުރުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.