ކުޅިވަރު

ގައުމީ ވޮލީ ލީގު: ހުރާ ބަލިކޮށް ޖީޖީއަށް ފުރަތަމަ މޮޅު


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް، ޖީޖީ ސްޕޯޓްސް އެކެޑަމީން ފުރަތަމަ މޮޅު ހޯދައިފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުން ޖީޖީ މޮޅުވީ ތިން ސެޓު ދެ ސެޓުންނެވެ.

ފޯރިގަދަ ކުޅުމުއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-21 އިން ކާމިޔާބުކޮށްފައިވަނީ ޖީޖީންނެވެ. އެކަމަކު ހުރާއިން ވަނީ ޖެހިގެން އައި ދެ ސެޓު 25-17 އިން ގެންގޮސްފައެވެ. ނަމަވެސް ކުޅުން ރަނގަޅުކޮށް ޖީޖީން ވަނީ މެޗުގެ ފަހު ދެ ސެޓު 25-20 އަދި 15-11 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖީޖީގެ ބިދޭސީ ކުޅުންތެރިޔާ ރޯލީ ޕާޓަކްއެވެ.

މި މޮޅާއެކު ޖީޖީން ލީގުގެ ފުރަތަމަ މޮޅު ހޯދިއިރު، އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައި ދެ ޕޮއިންޓާއެކުއެވެ. އަދި މެޗުން ބަލިވި ހުރާ އޮތީ ތާވަލުގެ ފުލުގައި އެންމެ ޕޮއިންޓަކާއެކުއެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވީއޭއެމް ކަޕުގެ ގަދަ ހަ ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.