ޚަބަރު

ރައީސްގެ ދުރު ރާސްތާގެ ތަޞައްވުރު؛ ޒުވާނުންގެ ބައިވެރިވުމާއެކު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށްވުން


  • ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ރައީސަށްވަނީ ސުވާލުދަންނަވާފައި

  • ސަރުކާރުގެ ފަރާތުން ޒުވާނުން އެންމެ އުންމީދުކުރާ ކަމަކީ ކޮބައިތޯ ރައީސް ސުވާލުކުރެއްވި

ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށްވުމީ ދުރު ރާސްތާގެ ތަޞައްވުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަކޮށްގެން، މީސް މީޑިއާގައި މިއަދު އާންމުކުރި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޕޮޑްކާސްޓްގައިވަނީ ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދަންނަވާފައެވެ. މިސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާން ޖީލަށް އުންމީދު އައުކޮށްދެނިވި ގިނަ ވާހަކަފުޅުތަކެއް ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ، ޑިޖިޓަލް އިޤްތިޞާދެއްގެ ގޮތުގައި ރާއްޖެ ކުރިއަރާ ދާއިރު، އެކަމުގައި ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ހިއްސާ އޮތުން ކަމަށެވެ. އަދި، މިހާރުވެސް ޒުވާނުން އެދާއިރާގައި އަދާކުރާ ދައުރު ބޮޑު ކަމަށާއި، ނަމަވެސް ހުރިހާ ގޮތަކުންވެސް މިކަމުގެ އެންމެ ކުރީގައި ޒުވާނުން ތިބުމަކީ އެމަނިކުފާނު އެދިވަޑައިގަންނަނަވާ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ކުރިއަރާ ދާއިރު، ދިވެހި ކޮންމެ ޒުވާނަކީ، ދިވެހިވަންތަ، ފަޚްރުވެރި، އަދި އިސްލާމް ދީނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ކުރިއަރާ ދިއުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

"ސްޕޮޓް އޮން" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ ފަރާތުން ޒުވާނުން އެންމެ އުންމީދުކުރާ ކަމަކީ ކޮބައިތޯ، ސުވާލުކުރައްވާފައެވެ. އަދި ޒުވާނުން ފާހަގަކުރެއްވި ކަންކަމަށް، އެ މަނިކުފާނުގެ ސަރުކާރުން ހޯއްދަވައިދެއްވާ ޙައްލުތަކުގެ ވާހަކަ، އެ މަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަކީ ދެއްކުންތެރިކަމުގެ ނިޔަތުގައި އެއްޗެއް ވިދާޅުވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި ޒުވާނުންނަށް ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި ކަންކަން ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

"ސްޕޮޓް އޮން" ޕޮޑްކާސްޓްގެ ފުރަތަމަ ޕްރޮގްރާމްގައި، ޒުވާނުންގެ ފަރާތުން 5 ސުވާލެއް އެމަނިކުފާނާ ވަނީ ދަންނަވާފައެވެ. އެ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާބުދެއްވިއިރު، އަދުގެ ޒުވާން ޖީލުގެ ބަސްމަގާއި ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ފަރިތަވެވަޑައިގެންފައިވާ މިންވަރު ވަޒަންކޮށްލުމުގެ ގޮތުން، ލުއި ސެގްމަންޓްތަކެއްވެސް މި ޕޮޑްކާސްޓުގައި ހިމަނުއްވާފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ހަޔާތްޕުޅުން އެންމެ ޒުވާން ދުވަސްވަރުގެ ގިނަ ހަނދާންތަކަކާއި ތަޖުރިބާތަކެއްވެސް މި ޕޮޑްކާސްޓްގައި އެ މަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ.