ސްރީ ލަންކާގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ނުކުޅެވިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި މުބާރާތް ބާއްވާނެ ގޮތަކާއި ގައުމެއް ނުނިމިގެން އުޅެނީ މުބާރާތުގެ ސްޕޮންސަރުން މައްސަލަ ޖައްސާތީ ކަމަށެވެ.
މިހެންވެ އަންނަ ޖޫން މަހުގެ 22 އިން ޖުލައި މަހުގެ ތިނަކަށް ބާއްވަން ނިންމާފައިވާ މުބާރާތާ މެދު ވަކި ގޮތެއް ފައިނަލް ކުރާނީ އަންނަ މަހު ބާއްވާ ސާފުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުން އޮންނާނީ މެއި މަހުގެ 24 ވަނަ ދުވަހު ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައެވެ.
ސާފް ޗެމްޕިއަންޝިޕުގެ ރަސްމީ މާކެޓިން ޕާޓްނަރުންނަކީ ސްޕޯޓްސް ފައިވް ގްރޫޕެވެ. އެ ގްރޫޕުން ޖައްސާ މައިގަނޑު މައްސަލައަކީ ސާކުގެ ހަތް ގައުމުގެ މެދުގައި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އުސޫލަށް ކުޅެން ނިންމާފައި އޮއްވައި، އެގްރޫޕާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި މިދިޔަ ފެބްރުއަރީ މަހު ކުއްލިއަކަށް ލަންކާގައި ކުޅެން ހަމަޖެއްސުމެވެ.
މުބާރާތް ލަންކާގައި ކުޅެން ހަމަޖެއްސިއިރު ކުރިން ހަމަޖައްސާފައި އޮތީ ވަކި ގައުމެއްގައި މުބާރާތް ކުޅޭނަމަ ބަންގްލަދޭޝް ނުވަތަ އިންޑިއާގައި މުބާރާތް ކުޅޭ ގޮތަށެވެ. މާކެޓިން ޕާޓްނަރުން ބާރު އަޅަނީވެސް އެ ދެ ގައުމުން ކުރެ ގައުމަކަށް މުބާރާތް ބަދަލުކުރުމަށެވެ. އެހެންވެ ސާފުގެ ފުޓްބޯޅަ ޖަމުއިއްޔާގެ ރައީސް ބަންގަލްދޭޝްގެ ޢާޒީ ސަލާހުއްދީން ވިދާޅުވީ މިވަގުތު މުބާރާތާމެދު ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
"އެއްވެސް ކަމެއް އަދި މުބާރާތް ބާއްވާނެ ތަނެއް ވެސް ޔަގީނެއްނޫން. މާކެޓިން ޕާޓްނަރުން އަދިވެސް އެދަނީ ހެދޭނެ ގޮތެއް އަދިވެސް ދިރާސާ ކުރަމުން. ލަފާ ކުރެވެނީ ގޮތެއް ނިންމޭނީ ދެން ބާއްވާ ސާފުގެ ކޮންގްރެސްގައިހެން،" ސަލާހުއްދީން ވިދާޅުވި އެވެ.
ކަންތައްތައް މިހެން އޮތުމުން ތަޖުރިބާކާރުން މިހާރު ލަފާކުރަމުންދަނީ ސާފް ޗެމްޕިއަންޝިޕް ޖޫން މަހު ނުބާއްވާނެ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ސާކު ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ފޯރިގަދަ މުބާރާތެވެ. މި މުބާރާތް ރާއްޖޭގައިވެސް ދެ ފަހަރެއްގެ މަތިން ވަނީ ބާއްވާފައިއެވެ. އެއީ 2008 އާއި 2021 ގައެވެ. 2008 ގެ މުބާރާތް ބޭއްވީ ލަންކާއާ ހިއްސާވެގެންނެވެ. އެއީ މުބާރާތް ލަންކާގައި މިހާތަނަށް ބޭއްވި ހަމައެކަނި ފަހަރެވެ. ނަމަވެސް ލަންކާގައި ފުޓްބޯޅަ ފޯރި ނެތުމުން އެ ގައުމުގައި މުބާރާތުގެ ސްޕޮންސަރުން ބޭނުންވާ ކަންކަން ފުރިހަމަނުވާނެ ކަމަށް ސްޕޯޓްސް ފައިވް ގްރޫޕުން ދެކެއެވެ.