ކުޅިވަރު

ރޮމޭރޯ ބޭނުންވަނީ ސްޕެނިޝް ލީގަށް ބަދަލުވާން


އަންނަ ސީޒަނުގައި ސްޕެއިންގެ ކުލަބަކަށް ކުޅެން ބޭނުންވާ ކަމަށް ޓޮޓްނަމް ހޮޓްސްޕަރއަށް ކުޅެމުން އަންނަ އާޖެންޓީނާ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ރޮމޭރޯ ޓޮޓްނަމްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރު އެވެ. ނަމަވެސް އަންނަ ސީޒަނުގައި ޓޮޓްނަމްއަށް ޔޫރަޕުގެ މުބާރާތްތަކުން ފުރުސަތު ނުލިބިދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އެކަމަށް އޮތް ހަމައެކަނި ފުރުސަތަކީވެސް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރުމެވެ.

ރޮމޭރޯ ސްޕެނިޝް ލީގުގައި ކުޅެން ބޭނުންވާއިރު، އޭނާއަށް ޝައުގުވެރިވަނީ އެ ގައުމުގެ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑެވެ.

"ދެން ބާކީ އޮތީ އަހަރެން ކުޅެން ބޭނުންވާ ތަނަކަށް ސްޕޭން. އަހަރެން ވަރަށް ލޯބިކުރަން އެ ލީގުގައި ކުޅެން. އެއީ އަހަރެން މިހާތަނަށް އެ ލީގުގައި ނުކުޅޭތީވެ،" ރޮމޭރޯ ބުންޏެވެ.

މި ސީޒަނަކީ ރޮމޭރޯ ޓޮޓްނަމްއަށް ކުޅެދޭ ތިންވަނަ ސީޒަނެވެ. އޭނާ ޓޮޓްނަމްއަށް ބަދަލުވީ 2021 ވަނަ އަހަރު އިޓަލީގެ އެޓަލާންޓާއިން ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން ދާއިމީކުރީ މިދިޔަ ސީޒަނުގައެވެ.

ރޮމޭރޯ އަކީ ގާތްގާތުގައި އަނިޔާވުން ގިނަ ކުޅުންތެރިއެކެވެ. އެ ގޮތުން އާޖެންޓީނާގެ ގައުމީ ޓީމުގެ މުހިންމު މެޗުތަކެއްވެސް އޭނާ އަށް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.

އާޖެންޓީނާއަށް ދެ ފަހަރެއްގެ މަތިން ކޮޕާ އެމެރިކާ ކާމިޔާބުކޮށްދީ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޑިފެންޑަރު ބުނީ މި ސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ޓޮޓްނަމްއަށް އޮތް ނަމަވެސް، އެކަން ކުރެވޭނީ ވަރަށް މަސައްކަތުން ކަމަށެވެ. އަދި ޓީމު މިހާރު ދައްކަމުންދާ ކުޅުމަށް ބަލާއިރު ތައްޓެއް ހޯދޭނީ ވަރަށް ގިނަ ކަންކަން ބަދަލުވެގެން ކަމަށާއި، އެކަން ކުރުމަށްޓަކައި ކުޅުންތެރިންވެސް މިހާރަށްވުރެ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ސްޕެއިންގެ އެތުލެޓިކޯ އާއި ރެއާލްއިން ރޮމޭރޯއަށް ޝައުގުވެރި ނަމަވެސް، ދެ ކުލަބުންވެސް މިހާތަނަށް ރަސްމީކޮށް މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.