ސްޕެނިޝް ލީގުގައި ރޭ މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ބާސެލޯނާއން ހޯދައިފިއެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބުކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން 76 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް އެއް މެޗު މަދުން ކުޅެގެން 32 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ.
ބާސެލޯނާ އިން މެޗު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ 77 އިން ސައްތަ ޑޮމިނޭޓްކޮށްފަ އެވެ. އަދި ޖުމްލަ 40 ހަމަލާ އުފައްދާފައިވާއިރު އޭގެ ތެރެއިން 12 ހަމަލާ ވަނީ މަޔޯކާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ބާސެލޯނާގެ ޑެނީ އޮލްމޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ބާސެލޯނާ އިން ލަނޑު ޖެހުމުގެ ކުރިން ފުރަތަމަ ހާފުގައި އެ ޓީމުގެ ލަމީން ޔަމާލް އާއި ފެރާން ޓޮރޭޒް ފޮނުވާލި ނުރައްކާތެރި ހަމަލަތަކެއް މަޔޯކާގެ ކީޕަރު ލިއޯ ރޯމަން ވަނީ މަތަކޮށްފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ކޮޕާ ޑެލްރޭގެ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗަށް އެ ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ކޯޗު ހެންސީ ފްލިކް ވަނީ މި މެޗަށް ނިކުތް ޓީމަށް ހަތް ބަދަލެއް ގެނެސްފަ އެވެ.
ދެވަނަ ހާފުގައިވެސް ބާސެލޯނާ އިން ރަގަޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމުގެ ގޯލަށް ހަމަތަކެއް އަމާޒުކޮށްފައިވާއިރު މި މެޗުގައި މަޔޯކާގެ ކީޕަރު ރޯމަންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.