ދައުލަތުގެ ހަރަދުތައް ބިލިއަނެއްހާ ރުފިޔާ ކުޑަކޮށް، މިދިޔަ އަހަރުގެ މިހާތަނަށް އައި އިރު 1.6 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ހުރި ދައުލަތުގެ ބަޖެޓް، މި މަހުގެ 17ގެ ނިޔަލަށް 2.2 ބިލިޔަން ރުފިޔާއިން އަރަނިކޮށްފިއެވެ.
ދައުލަތުގެ މާލީ ވުޒާރާއިން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޭޕްރީލް 17ގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 11.7 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 700 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.
މި މަހުގެ 17ގެ ނިޔަލަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިތުހޯލްޑިން ޓެކްސްއިންނެވެ.
• ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ: 3.7 ބިލިޔަން ރުފިޔާ (މިދިޔަ އަހަރު 3.4 ބިލިޔަން ރުފިޔާ)
• ގްރީން ޓެކްސް: 572.5 މިލިޔަން ރުފިޔާ (މިދިޔަ އަހަރު 334.9 މިލިޔަން ރުފިޔާ)
• އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 452.6 މިލިޔަން ރުފިޔާ (މިދިޔަ އަހަރު 327 މިލިޔަން ރުފިޔާ)
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ނިޔަލަށް ދައުލަތުން ވަނީ 9.5 ބިލިޔަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ސަބްސިޑީތަކަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދު ހުރީ 12.7 ބިލިޔަން ރުފިޔާގަ އެވެ.
• މުސާރަ އާއި އެލަވެންސް އަދި ޕެންޝަން: 3.6 ބިލިޔަން ރުފިޔާ (މިދިޔަ އަހަރު 3.3 ބިލިޔަން ރުފިޔާ)
• އިދާރީ ހަރަދުތަކަށް: 5.2 ބިލިޔަން ރުފިޔާ (މިދިޔަ އަހަރު 6.1 ބިލިޔަން ރުފިޔާ)
• ކެޕިޓަލް ޚަރަދު: 743.1 މިލިޔަން ރުފިޔާ (މިދިޔަ އަހަރު 3.2 ބިލިޔަން ރުފިޔާ)
ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުކުރެވިފައިވާއިރު، މިއީ ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެވެ. އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ޚަރަދުކުރުމުގެ ސަޤާފަތެއް ރާއްޖޭގައި އޮތް ކަމަށާއި، އެކަން ނިމުމަކަށް ގެނައުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ.
މި އަމާޒު ޙާޞިލްކުރުމަށް ރޭވުންތެރިކަމާއެކު އަޅަމުންދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެއްޔަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފިސްކަލް ދެމެހެއްޓެނިވިކަން ޙާޞިލްވާނޭކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.