ޚަބަރު

ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުން ރައްޔިތުންގެ ޒާތީ މަޢުލޫމާތު ލީކުވުން ވާނީ ހުއްޓުވާފައި: ދާޚިލީ ވަޒީރު


  • ޒާތީ މައުލޫމާތު ހޯދައިގެން އެއްވެސް ޕާޓީއަކަށް ވައްދާފައި ނުވާނެ

  • ޑޭޓާތައް ލީކުވުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފި

ދައުލަތުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު މީގެ ކުރިން ލީކުވެފައިވާކަމަށާއި، ނަމަވެސް މި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު އެކަންކަން ހުއްޓުވާފައިވާކަމަށް ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވައްދާފައިވާކަމަށް ތުހުމަތު ކުރައްވައި މެންބަރު ވަނީ އޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުއްވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޑީއެންއާރުގެ ޑޭޓާބޭސްގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން އެއްވެސް ޕާޓީއަކަށް އެއްވެސް މީހަކު ވައްދާފައި ނުވާނެ ކަމަށެވެ. ނަމަވެސް 2014ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާތައް ލީކުވެފައިވާކަމަށާއި އެ ޑޭޓާ ބޭނުންކޮށްގެން ބައެއް ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ އެކަން އެނގިގެން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ސިސްޓަމްތެރޭގައި އެކްސެސް ލޮގްތަކާއި އޮޑިޓެޑް ލޮގްތައް ހުރިކަން ކަށަވަރުކޮށްފައިވާނެ. އަދި ޕެނެޓްރޭޝަން ޓެސްޓެއް ހަދައި ސިސްޓަމް ޕެޗްކޮށްފައިވާނެ. މިހާރު ސިސްޓަމަށް ދީފައިވާ އޭޕީއައިތަކުގައި ސިގްނޭޗަރތައް އެކުލަވާލާފައިވާނެ. ފިޒިކަލީ ޑޭޓާއަށް އެކްސެސް އޮންނަ މުވައްޒަފުންނަށް އެކްސެސް ވެވޭނީ ރަސްމީ މަސައްކަތަށް ބޭނުންވާ ވަރަށް އެކަނިކަމަށް ވާނީ ކަށަވަރު ކުރެވިފައި." ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0" ގެ ނަމުގައި އީފާސްގެ ޚިދުމަތް ހަރުދަނާކޮށް، ޑިޖިޓަލް އައިޑެންޓިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައް ފަށްޓަވާފައިވާ ކަމަށެވެ. އަދި އީފާސްއަކީ ކުރިއަށްއޮތްތަނުގައި ރާއްޖޭގައި މުއާމަލާތް ކުރުމަށް ބޭނުންވާ މައުލޫމާތު ހިމެނޭ އައިޑެންޓިޓީއަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިސަރުކާރު އައިފަހުން ޑީއެންއާރުގެ ޑޭޓާބޭސް ކޮމްޕްރޮމައިޒްވެފައި ނެތްކަން ކަށަވަރުކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެ ޑޭޓާތައް ކޮމްޕްރޮމައިޒް ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށް ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.