ޚަބަރު

ސިވިލް ސަރވިސް ކޮމިޝަންގެ ނައިބަކަށް މުޖުތާޒް އައްޔަންކުރުމަށް ދިރާސާކުރަން ކޮމިޓީއަށް


  • ކޮމިޝަންގެ މެންބަރުކަމަށް މުޖުތާޒް އައްޔަން ކުރައްވާފައިވަނީ މި މަހުގެ 20ވަނަ ދުވަހު

  • މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް

ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މއ. ސިގްމާ، އަލްއުސްތާޛް މުޙައްމަދު މުޖުތާޒް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް، އެ ކޮމިޝަނުގެ މެންބަރު އަލްއުސްތާޛް މުޙައްމަދު މުޖުތާޒް އައްޔަން ކުރުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާކަމަށާއި، މަޖިލީހުން އެކަމުގައި ގޮތެއް ނިންމެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް މުޖުތާޒް އައްޔަން ކުރައްވާފައިވަނީ މި މަހުގެ 20ވަނަ ދުވަހުއެވެ.

އަލްއުސްތާޛު މުޙައްމަދު މުޖުތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މުޖުތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް މުޖުތާޒް އައްޔަން ކުރެއްވީ އެ މަޤާމުގައި ހުންނެވި އިބްރާހީމް ރަޝީދު މިދިޔަ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އޭނާ އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުވެސް ވަނީ ހުސްވެފައެވެ.