މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ ފެނާއި ނަރުދަމާ ނެޓްވޯކްތަކަށްވެސް އަސަރުކުރަމުންދާކަމަށާއި، ދިމާވެދާނެ ކުއްލި ހާލަތަކަށް ދުރާލާ ތައްޔާރުވުން މުހިންމުކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން އިފްތިތާހުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ތިމާވެއްޓާ ބެހޭ ވަޒީރު ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ރާއްޖޭގައި މިވަގުތު 133 ރަށެއްގައި ފެނުގެ ޚިދުމަތް ދޭއިރު 144 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްފައިވާކަމަށެވެ. މި ނިޒާމުތައް ރައްކާތެރިގޮތުގައި ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނަކީ ވަރަށް މުހިންމު ޕްލޭނެއްކަަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޔުޓިލިޓީ ޚިދުމަތް ދެމުންދާއިރު މިއިން ކޮންމެ ރަށަކީ ވަކިން މެނޭޖްކުރަން ޖެހޭ ރަށެއްކަމަށެވެ. އަދި ވަކިވަކި އާބާދީތަކެއްގެ ގޮތުގައި އުޅޭއިރު ދިމާވެދާނެ ކުއްލި ހާލަތަކަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް ފެނާއި ނަރުދަމާގެ ނިޒާމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތައް މިހާރު އިތުރުވަމުންދާކަމަށެވެ. އެގޮތުން އެންމެބޮޑަށް ދިމާވާ އެއްކަމަކީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާގެ ނިޒާމަށް ދިމާވާ މައްސަލަތައްކަމަށް ވަޒިރު ވިދާޅުވިއެވެ.
"ރަށްތައް ބަރޯސާވެފައި އޮންނަނީ ފެނާއި ނަރުދާމާގެ ނިޒާމަށް ވަރަށް ބޮޑަށް. އެގޮތުން ކުރިއަށް ދާއިރު އެކި ކަހަލަ ކާރިސާތައް އެބަ ދިމާވޭ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން. މިހާރު އަތޮޅުތަކުގެ ތެރޭގައި އެންމެ ބޮޑަށް ދިމާވާ ކަމަކީ ވާރޭ ވެހި ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާ ސިސްޓަމަށް ދިމާވާ މައްސަލަ. ނަރުދަމާގެ ނިޒާމަށް ފެން އެޅުމުގެ ސަބަބުން ނަޖިސް ބޭރުވުމުގެ މައްސަލަ ދިމާވޭ." ވަޒީރު ވިދާޅުވިއެވެ.
ތިމާވެއްޓާ ބެހޭ ވަޒީރު ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ މިފަދަ ކުއްލިއް ހާލަތްތަކަށް އަބަދުވެސް ތިބެންވާނީ ތައްޔާރީ ހާލަތުގައިކަމަށެވެ. އަދި އަމަލުކުރާނެ ގޮތް އެނގި ތައްޔާރީ ހާލަތުގައި ތިބެއްޖެނަމަ ކުއްލިހާލަތުގެ ވަގުތު ބޮޑުތަނުން ކުޑަކުރެވުގެންދާނެކަމަށެވެ. ވަޒީރު ވިދާޅުވީ ނަރުދަމާގެ ނިޒާމާއި އެއްވަރަށް ފެނުގެ ނިޒާމަކީވެސް މުހިންމު ނިޒާމެއްކަމަށެވެ.
އެގޮތުން އާރްއޯ ޕްލާންޓު ބަހައްޓައިގެން ފެނުގެ ޚިދުމަތް ދޭއިރު އެކަމަކީވެސް ވަރަށް ގާތުން ބަލަންޖެހޭ ކަމެއްކަމަށާއި ޚާއްސަކޮށް އާރްއޯ ޕްލާންޓު ހިންގުމުގައި ފެނުގެ ކޮލެޓީ ބަލަހައްޓަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފެނުގެ ސްޓޯރޭޖް ކެޕޭސިޓީ ވަރަށް މުހިންމުކަމަށާއި ރައްކާކުރެވިފައި ފެނުގެ މިންވަރަރު ބެލުމަކީ ވަރަށް މުހިންމު ކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.