ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްދޭ ފައިސާ ބައެއްފަހަރު ލަސްވަނީ މަޢުލޫމާތު ފުރިހަމަނުވާތީ: އެންސްޕާ


  • މާރޗްމަހުގެ ނިޔަލަށް 675 ފަރާތަކަށް އެހީ ދީފައިވޭ

  • ތެރަޕިއުޓް ފަރުވާއަށް މިދިޔަ އަހަރު 96 މިލިއަން ރުފިޔާ ޚަރަދުކުރި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފަރުވާއަށް ސަރުކާރުން ދެމުން އަންނަ ފައިސާ ބައެއް ފަރާތްތަކަށް ލަސްވަނީ، ހުށައަޅާންޖެހޭ ބައެއް ލިޔެކިޔުންތައް ފުރިހަމަ ނުވާތީކަމަށް ނޭޝަނަލް ސޯޝަލް ޕްރޮތެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވެއްޖެއެވެ. އެންސްޕާއިން މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕީ ނުވަތަ ފަރުވާއަށް ދޫކުރާ ފައިސާ ލަސްވާކަމަށް ބުނެ ބައެއް ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަނާއި ގުޅޭގޮތުން ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފަރުވާ ނުވަތަ ތެރަޕީ ފުރިހަމަކުރުމަށްފަހު، އެކަމަށް ހޭދަވި ފައިސާ ހިމެނޭ ސްލިޕްތައް އެންސްޕާއަށް ހުށަަހަޅަން ޖެހޭކަމަށެވެ. އަދި ފައިސާ ދޫކުރުމުގައި ކުރިން ހޯދާފައިވާ ޚިދުމަތްތަކުގެ ފައިސާ ދައްކާފައިވާގޮތާއި އެހެންވެސް ބައެއް ހިސާބުތަކަށް ބަލާކަމަށް ހީނާ ވިދާޅުވިއެވެ. ވުމާއެކު ފައިސާ ދޫކުރުމުގައި ލަސްތަކެއް އަންނަނީ، އެ ހުށައަޅާންޖެހޭ ބައެއް ލިޔެކިޔުންތައް ހުށައެޅުމުގައި ފުރިހަމަ ނުވާތީކަމަށް ހީނާ ވިދާޅުވިއެވެ.

"ތެރަޕީ ސެންޓަރުތަކުން ހޯދަންޖެހޭ ޑޮކިއުމަންޓް ފަދަ ތަކެތި ނުހިމެނުން ނުވަތަ ބައެއްކަހަލަ މައުލޫމާތު ފުރިހަމަ ނުވެހުރުމުން ފައިސާ ދިނުމުގައި ލަސްތަކެއް އާދޭ." އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވިއެވެ.

އެންސްޕާގެ ފަރާތުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފަރުވާއަށް ކޮށްފައިވާ ބައެއް ޚަރަދުތަކުގެ ތަފްސީލްތައްވެސް ހިއްސާކުރައްވާފައެވެ. ހީނާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ދައުލަތުން ބޮޑު ޚަރަދެއްކުރައްވާކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕިއުޓް ފަރުވާ މިއަހަރުގެ މާރޗްމަހުގެ ނިޔަލަށް އެކަނިވެސް 675 ފަރާތަކަށް ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، އެއީ ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %91 އިތުރުވުމެއްކަމަށް ވިދާޅުވިއެވެ.

އެންސްޕާއިން ވިދާޅުވީ ތެރަޕިއުޓް ފަރުވާއަށް މިދިޔަ އަހަރު 96 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.


މީގެއިތުުރުން އެންސްޕާއިންވަނީ މުޅި ވޯކްފޯސް ޑިޖިޓަލައިޒްކުރުމަށް ވާންޖެހޭ ތައްޔާރީތައްވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރުތެރޭގަ އެ މަސައްކަތް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެންސްޕާއިން ވިދާޅުވިއެވެ.

އެންސްޕާއިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ރާއްޖޭން ބޭރުގަ އުޅޭ ފަރާތްތަކަށް މިދިޔަ އަހަރު 4.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ.