ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު އަވަސްކޮށް މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ބެޑްމިންޓަންގެ ބައިނަލްއަގުވާމީ މައި އިދާރާއާއެކު މަސައްކަތްކުރި ނަމަވެސް، އެއްބާރުލުމެއް އެ ފަރާތުން ނުލިބުނު ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މައްސަލަ ހައްލުކުރުމަށް އިންޓަރިމް ކޮމިޓީއަށް މެންބަރުން އިތުރުކޮށް ހުށަހެޅުމުން ބީޑަބްލިއުއެފްގެ ޖަވާބެއް ނުލިބުމުން ވަރަށް ކަންބޮޑުވާ ކަމަށެވެ.
އެންމެ ފުރަތަމަ ކޮމިޓީގައި މިހާރުގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ މެންބަރެއްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ މެންބަރަކާއި، އަދި ބީޑަބްލިއުއެފް މެންބަރެއް ހިމެނޭހެން އިންޓަރިމް ކޮމިޓީއެއް އުފެއްދުމަށް ލަފާދެއްވި ކަމަށް ރާފިޢު ވިދާޅުވިއެވެ.
އެހެންނަމަވެސް ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް އެކަންކަމަކަށް އެއްބަސްނުވެވުނު ކަމަށާއި، އޭގެ އެންމެ ބޮޑު ސަބަބަކީ ސިވިލް ކޯޓުގެ ނިންމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ރައީސް މުސާ ނާޝިދުގެ ޚިޔާނާތުގެ މައްސަލަތަކެއް ބަލަން އޭސީސީން މަސައްކަތް ކުރިއިރު، ކޯޓުގައި ވަނީ ދައުވާތަކެއްވެސް ކޮށްފައެވެ. މި މައްސަލައާ ގުޅިގެން މޫސާ ވަނީ އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ ހައްލުކުރުމައްޓަކައި ކުޅިވަރާ ބެހޭ ވުޒާރާ އާއި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އިސްނެންގެވުމާއެކު ވަނީ ގައުމީ ކުޅިވަރު ކައުންސިލާއި، އެމްއޯސީ އަދި ވޯލްޑް ފެޑެރޭޝަން ބީޑަބްލިއުއެފްއާއެކު ވަނީ ގިނަ މަޝްވަރާތަކެއް ކޮށްފައެވެ.
"ބެޑްމިންޓަން އެސޯސިއޭޝަންގެ ދައުރު ހަމަވެގެން ދުވަސްތަކެއް ދިޔަ، ހިންގާ ގަވާއިދުގައި ނުވަތަ ޖަމުއިއްޔާތަކުގެ ގަވާއިދުގައި އަދި ކުޅިވަރުގެ ޖަމުއިއްޔާތަކާ ބެހޭ ގަވާއިދުގައި، އިންތިޚާބު ބާއްވަންޖެހޭ މުއްދަތުގައި ނުބާވައިފިއްޔާ ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ފިޔަވަޅު އަޅަންޖެހޭ." ވަޒީރު ރާފިޢު ވިދާޅުވިއެވެ.
އެގޮތުގެ މަތިން ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ކުޅިވަރު ކައުންސިލުގައި ފިޔަވަޅު އަޅައިދުނުމަށް އެދުނު ކަމަށް ރާފިޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާލަތުގެ އެސޯސިއޭޝަންގެ އެންމެހާ ކަންތައްތައް ހަވާލުކުރަންޖެހޭނީ އެ އެސޯސިއޭޝަންގެ މުއައްސިސް ގައުމީ ކުޅިވަރު ކައުންސިލާ ކަމަށެވެ. އެ މަރުހަލާގެ ތެރެއިން ބައިނަލްއަގުވާމީ ފެޑެރޭޝަންތަކާ ގުޅިގެން މުބާރާތްތައް ބޭއްވުމަކީ މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވޯލްޑް ފެޑެރޭޝަންއާ އެކު ކުރެވުނު މަޝްވަރާތަކުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީ އެއް އުފައްދާ މަސައްކަތް ކުރިއަށްގެންދަން ތައްޔާރުކަމަށް އެ ފެޑެރޭޝަނުން ލަފާދެއްވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ އުފެދުނު މައްސަލަތާ އެކު ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ކަޑައެޅީ މިހާރު އޮތް އެކްސްކޯގެ ދައުރު ނިމިފަވާ ކަމަށެވެ. މައްސަލަ ހުށެހެޅީވެސް އެސޯސިއޭޝަނުން ކަމަށާއި، މިހާރު އޮތް އެކްސްކޯއަކީ މުއްދަތު ހަމަވެފަވާ ބައެއް ކަމަށް ކުޅިވަރު ވަޒީރު ވިދާޅުވިއެވެ.
މިހާތާނަށް މި މައްސަލާގައި މުއާމަލާތް ކޮއްފަވާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތައް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
" ދެން އަޅުގަނޑުމެން އެދުނީ އޮލިންޕިކް ކޮމެޓީ އާއި ނެޝެނަލް ސްޕޯޓްސް ކައުންސިލާއި މަޝްވަރާކޮއްގެން ފަސް މެންބަރުންގެ މައްޗަށް ހުޅެހެޅީ، ވާބަލީ އެގޮތައް އެގްރީވެސް ވެގެން ހުށަހެޅީ." ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައިގެ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އެންމެ ފަހުގެ ނިންމުމަކީ ރާއްޖޭގެ ގާނޫނާ ގަވައިދުތަކާ އެއްގޮތަށް މައްސަލައިގަ ކުރިއަށް ދިޔުމަށެވެ. މިކަމާ ގުޅިގެން ކޮމިޝަނަރގެ އޮފީހުން ވަނީ މެމޯ އެއްވެސް ނެރެފައެވެ.ބައިނަލްއަގުވާމީ ޖަމިއްޔާގަ ބަހެއް ނުލިބުމުން ދެން އަމަލުކުރައްވާނީ ރާއްޖޭގެ ގަވާއިދުތަކާ އުސޫލުތަކަށް ކަމަށް ވިދާޅުވިއެވެ.
ގައުމީ ކުޅިވަރު ކައުންސިލުގެ ލަފައާއެކު ބެޑްމިންޓަން އެސޯސިއޭޝަނުގެ މައްސަލައގަ ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ރާފިއު ވިދާޅުވިއެވެ.