މިމަހުގެ 18ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގެ މައްސަލައާއި ގުޅޭ އެންމެން ހޯދައި ބަޔާން ނަގާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ހެންވޭރު ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައިއޮއްވާ ފެނުނު އަންހެން މީހާ ވެއްޓިފައިވަނީ މަސްތުގެ ހާލަތުގައި ހުރެ އަމިއްލައަށްކަމަށް ބެލެވޭކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަވަމުން ގެންދާތީ ފުލުހުން ވަނީ އެކަން ތަފްސީލްކޮށްދެއްވާފައެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށްކަމަށާއި، އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށެވެ.
ކޮމިޝަނަރ ވިދާޅުވީ، ހެންވޭރު ފެންޓެނޯއީ ގެއާއި އިންވެގެންހުރި ގުދަނުގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައިވާކަމަށް އާންމު ފަރާތަކުން ރިޕޯޓުކޮށްފައިވަނީ ހުކުރުދުވަހު 7:30 ހާއިިިރުކަމަށެވެ. އަދި އެމްއެންޑީއެފްގެ އެހީއާއެކު އޭނާ ހޮސްޕިޓަލަށް ގެންދެވުނީ 8 ޖަހާއިރުކަމަށް ސީޕީ ވިދާޅުވިއެވެ. އެހިސާބުން އެ އަންހެން މީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފެށިކަމަށާއި، ފުލުހުންގެ ރެކޯޑުތަކުގައި ނެތް މީހަކަށްވާތީ، އޭނާގެ އާއިލާއަކީ ކޮބައިކަން ބެލުމަށް ވަގުތުތަކެއް ނެގިކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އެ އަންހެން ދެނެގަނެވުނުހާ އަވަހަށް އާއިލާއަށް އެ މައުލޫމާތު ހިއްސާކުރިކަމަށްވެސް ސީޕީ ވިިދާޅުވިއެވެ.
އެހިސާބުން އެކަން ހިނގައިދިޔަ ގޮތް ބެލުމުގެ މަސައްކަތް ފަށައި، ވަށައިގެން ހުރި ކަންކަން ބަލަމުންދިޔަކަމަށާއި، އެ އަންހެން މީހާ ވެއްޓުނު ތަނާއި ވެއްޓުނު އިމާރާތުގެ އެސެސްމަންޓު ހަދައި، ވެއްޓުނު އިމާރާތުގެ ވެރިފަރާތަށް ގުޅައި ވީޑިއޯ އަދި މައުލުމާތު ހޯދިކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
އެ މަރުހަލާއިން އެނގުނީ ހުކުރު ދުވަހުގެ ފަތިހު އެގޭގައި އަންހެން މިހާއާއި އިތުރު މީހަކު އުޅުނުކަންކަމަށާއި، ފާހަގަކުރެވުނީ އަންހެން މީހާއާއެކު އުޅެފައިވަނީ ރައުދު އަހްމަދު ޒިލާލްކަމަށްވެސް ދެނެގަނެވުނުކަމަށް ސީޕީ ވިދާޅުވިއެވެ. އެހިސާބުން އޭނާ ހޯދައި އޭނާގެ ފަރާތުން މިކަމުގެ އިތުރު މައުލޫމާތު ހޯދަން ފެށިކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ކުށެއްކޮށް ނިމިފައިވަނިކޮށް ސީނަކުން ނުވަތަ ނިމިފައިވާ ކަމަކުން މީހަކު ހޯދާނަމަ ކޯޓު އަމުރެއް ހޯދަންޖެހޭކަމަށާއި، އެހިސާބާން ރައުދު އަހްމަދު ޒިލާލް ހޯދައި ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
އޭނާއާއި ސުވާލުކުރުމުން އިތުރު 7 މީހަކު އެރޭ މާލޭގައި އެހެން 2 ގެއެއްގައި އެއްކޮށް އުޅުނުކަން އެނގުނުކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި އެ އެންމެން ދެނެގަނެ ބަޔާން ނަގާފައިވާކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި އެމީހުން ފުރުން މަނާކޮށްފައިވާކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ...