މިމަހުގެ 18ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގެ މައްސަލައާއި ގުޅޭ މީހަކު ރާއްޖެއިން ބޭރަށް ފުރާފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން މިހެން ވިދާޅުވީ، މި ހާދިސާގައި ޝާމިލްވާ މީހަކު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ވާހަކަތައް ދައުރުކުރަމުންދާތީއެވެ.
ފުލުހުންގެ ވިދާޅުވީ، ހ. މިތާޒްގޭގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރާފައިވާކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ.
ހެންވޭރު ފެންޓެނޯއީ ގެއާއި އިންވެގެންހުރި ގުދަނުގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައިވާކަމަށް އާންމު ފަރާތަކުން ރިޕޯޓުކޮށްފައިވަނީ ހުކުރުދުވަހު 7:30 ހާއިިިރުއެވެ. އަދި އެމްއެންޑީއެފްގެ އެހީއާއެކު 8 ޖަހާކަށްހާއިރު އޭނާ ވަނިީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އަންހެން މީހާ ވެއްޓުނު ވަގުތު އެ އިމާރާތުގައި އޭނާއާއެކު އެހެން މީހަކު ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ ގ. އެރިއަދޫ، އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލްއެވެ. ރައުދުއާއި ވެއްޓުނު އަންހެންމީހާ އެ ގޭގައި އުޅޭ މަންޒަރު ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖްތަކުން ފެނިފައިވާއިރު ރޭ 18:20ހާއިރު އޭނާ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ ރައުދުއާއި ވެއްޓުނު އަންހެން މީހާ އެރޭ އިތުރު ދެ ގެއަކަށް ގޮސްފައިވާ ކަމަށާއި އެ ދެ މީހުންނާއެކު އެ ރޭ އިތުރު ބަޔަކުވެސް އުޅުނުކަމަށެވެ. އެ ހުރިހާ މީހުންގެވެސް ބަޔާން ނަގައި، އެ މީހުންނަށް ރާއްޖޭން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ރައުދު ހައްޔަރު ކުރުމުގެ އިތުރުން ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ.
މީގެ އިތުރުން މި މައްސަލަައާ ގުޅިގެން އަންހެން މީހާ އެރޭ ހަރަކާތްތެރިވިކަމަށް ބެލެވޭ މއ. މާންދޫގެ ދެކުނުގޭގެ ޓެރަސްހާއި އެގޭ ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ އަދި ގ. ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.