ޚަބަރު

ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއަރގައި ރާއްޖެ އިސްތިހާރުކޮށްފި


  • ފެއަރ ބާއްވާފައިވަނީ ކަޒަކިސްތާނުގެ އަލްމާޓީގައި

  • އެމްއެމްޕީއާރުސީއާއެކު 11 ކުންފުންޏަކުން ވަނީ ބައިވެރިވެފައި

  • މިއީ އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތް

ސެންޓްރަލް އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރތަކުގެތެރޭގައި ހިމެނޭ ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއަރ، ކޭއައިޓީއެފްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 23ވަނަ ދުވަހުން ފެށިގެން 25ވަނަ ދުވަހުގެ ނިޔަލަށް، ކަޒަކިސްތާނުގެ އަލްމާޓީގައި ކުރިއަށްގެންގޮސްފައިވާ ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއަރ، ކޭއައިޓީއެފްގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 11 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ކޭއައިޓީއެފަކީ 2001 ވަނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ފެއަރއަކީ މި ސަރަޙައްދުގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ލިބިގެންދާ ޕްލެޓްފޯމެކެވެ. އަދި މިއީ ކަޒަކިސްތާނުގައި ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ، މި ފެއަރގެ ސަބަބުން ކަޒަކިސްތާނާއި ސެންޓްރަލް އޭޝިއާ ސަރަޙައްދުގެ އެޖެންޓުންނާއެކު ރަނގަޅު ގުޅުމެއް ޤާއިމުކޮށް، ރާއްޖެއާ ގުޅޭ މައުލޫމާތުތައް ފެއަރއަށް ޒިޔާރަތްކޮަށްފައިވާ ފަރާތްތަކާ ހިއްސާކޮށްފައިވާކަމަށެވެ.

މީގެ އިތުރުން، މި ފެއަރގެ ތެރެއިން ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކުގެ އިތުރުން، ތަފާތު އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ކޭއައިޓީއެފްގައި ބަހައްޓާފައިވާ ދިވެހިރާއްޖޭގެ ސްޓޭންޑަކީ ސަނީ ސައިޑް އޮފް ލައިފްގެ އަސްލު ދައްކުވައިދޭ ސްޓޭންޑެކެވެ. އެގޮތުން ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ސްޓޭންޑުން ފެންނަން ހުންނާނެ ކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވެއެވެ.

ސީއައިއެސް ސަރަޙައްދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް މުހިންމު ސަރަޙައްދަކަށްވެފައިވާއިރު، އެމްއެމްޕީއާރުސީން ސީއައިއެސް މާކެޓުގައި މާކެޓިންގެ ތަފާތު ހަރަކާތްތައް ހިންގައެވެ. އެގޮތުން މިދިޔަ އަހަރު އެކުންފުނިން ވަނީ މޮސްކޯ ޑައިވް ޝޯގައި ބައިވެރިވެ، ރާއްޖޭގެ އެކި މަންޒިލް އިޝްތިހާރުކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީއިން މި ސަރަހައްދުގައި މާކެޓިންގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވެސް ރާވާފައިވެއެވެ. އަދި މާކެޓުގައި ދިވެހިރާއްޖޭގެ މަންޒިލްތަކާ ބެހޭގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކޮށް ވިޒިބިލިޓީ ދެމެހެއްޓުމަށް ސޯޝަލް މީޑިއާކެމްޕެއިނެއް ވެސް ދަނީ ހިންގަމުންނެވެ.