ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި ސިޓީ ފްރެންޑްސް ކުލަބު ބަލިކޮށް، ތާވަލުގެ ދެވަނައަށް ހުރާ ކޮމިއުނިޓީ ކުލަބު ޖެހިލައިފިއެވެ. ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ހުރާ މޮޅުވީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.
މި މެޗުގައި ހުރާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ސެޓުތައް ގެންގޮސްފައިވަނީ 25-18، 25-11 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުރާ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކްރިސްޓީނާ މެޑްވެޑޭވާއެވެ.
މި މޮޅާއެކު ތާވަލުގެ ދެވަނައަށް ވަގުތީ ގޮތުން ހުރާ ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. އަދި މި މެޗާއެކު ހުރާއަށް ވަނީ ލީގު ބުރުގެ ކުޅުން ނިމިފައެވެ. މީގެ އިތުރުން މި މެޗުން ބަލިވި ސިޓީ ފްރެންޑްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވީއޭއެމް ކަޕުގެ ގަދަ ހަ ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.