ކުޅިވަރު

ބަޔާން ޖަރުމަން ލީގުގެ ތައްޓާ ގާތަށް، ކޭންގެ ކަޅި ރިކޯޑަކަށް


ޖަރުމަން ލީގުގެ ތައްޓަށް ބަޔާން މިއުނިކުން ކަޅިއަޅަމުން އަންނައިރު، އެ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަމިއްލަ ދަނޑު ކަމަށްވާ އެލިއާންޒް އެރީނާގައި މެއިންޒް ބަލިކުރުމަށެވެ. މިދިޔަ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ ބަޔާ ލެވަކޫސަން އާއި އޯގްސްބާގް މިއަދު ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މި މެޗުން ލެވަކޫސަން ބަލިވެއްޖެ ނަމަ ބަޔާން މިއުނިކަށް ލީގުގެ ތަށި ކަށަވަރުވެގެންދާނެއެވެ.

ވޭތުވެ ދިޔަ ހަފުތާގައި ޔުއެފާ ޗެމްޕިއަންސް ލީގުން ބަޔާން ވަކިވާން ޖެހިފަވާއިރު، ޖަރުމަން ލީގުގައި މެއިންޒާ ވާދަކުރުމަށް އެ ޓީމުން ނުކުންނާނީ ގަދަފަދަ ހިތްވަރަކާއެކު ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ބަލިވި މެޗާ ގުޅިގެން ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފައިވަނީ ޓީމަށް އެ ހާލަތު މެދުވެރިވީ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަ ކުރިމަތިވުމުން ކަމަށެވެ.

ލީގުގައި މެއިންޒާ ވާދަކުރާ މެޗަކީ ބަޔާންގެ 31 އަހަރުގެ ފޯވާޑް ހެރީ ކޭންއަށްވެސް ވަރަށް މުހިންމު މެޗެކެވެ. މިހާތަނަށް ލީގުގައި އޭނާގެ ފަރާތުން 60 ގޯލް ފެނިގެން ގޮސްފައިވާއިރު، ލީގު ކާމިޔާބުކުރެވިއްޖެނަމަ ވެގެންދާނީ އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި މޭޖަރ ޓްރޮފީއެއް އުފުލާލަން ލިބޭ ފުރަތަމަ ފަހަރަށެވެ.

ކޭންގެ ފަރާތުން މި ސީޒަނުގައި ގިނަ ގޯލުތަކެއް ފެނިގެން ގޮސްފައިވާއިރު، އޭނާވަނީ ފާއިތުވެދިޔަ އަހަރު ޖަރުމަން ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ހޯދާފައެވެ. މި ފަހަރުގެ ލީގުގައިވެސް އެ ޝަރަފު ހޯދުމުގެ ފުރުސަތު ކޭންއަށް ބޮޑުއިރު، އެކަން ހާސިލުކުރެވިއްޖެނަމަ އޭނާ ވެގެންދާނީ ވިދިވިދިގެން މި ޝަރަފު ހޯދާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޕޮއިންޓު ތާވަލަށް ބަލާއިރު، ބަޔާން އެއްވަނައިގައި އޮތީ 72 ޕޮއިންޓާއެކުއެވެ. ލީގުގައި ބަޔާންއަށް ބާކީ އަދި ހަތަރު މެޗު ކުޅެންޖެހޭއިރު، ތާވަލުގެ ދެވަނައިގައި ލެވަކޫސަން އޮތީ 64 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން މި މެޗުން މޮޅުވެ ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދުމަށް އަތުކުރި އޮޅާލާފައިވާ އަނެއް ފަރާތަކީ ބަޔާންގެ ތަޖުރިބާކާރު ކުޅުންތެރިޔާ ތޯމަސް މުލާއެވެ. ކުލަބާއެކު 25 އަހަރުގެ ދިގު ތާރީޚެއް ހޭދަކޮށް، ލީގުގައި އެ ޓީމަށް 500 މެޗު ކުޅެދިނުމަށްފަހު މުލާ މިހާރު ތައްޔާރުވަމުން އަންނަނީ މި ސީޒަނަށްފަހު ޓީމަށް އަލްވަދާއު ކިއުމަށެވެ.