ކުޅިވަރު

ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް: މިއަދުވެސް ފޯރިގަދަ މެޗުތަކެއް


ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި މިހާރު ކުރިއަށްދާ "ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް 2025" ގައި މިއަދުވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން މިއަދު ހެނދުނުގެ ދަންފަޅީގައި ވަނީ ދެ ޑިވިޝަނުން ހަތް މެޗު ކުޅެފައެވެ.

ފިރިހެނުންގެ ޑިވިޝަނުގެ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި ވާދަކުރީ އައިލެންޑާސް ސްޕޯޓްސް ކުލަބާއި ބޮންތިއެވެ. މި މެޗު ބޮންތިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ބީޗް ބޯއިސްއާ ދެކޮޅަށް ކުޅުނު މެޗުން ފިއޯންޓީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެއަށްފަހު ޒެފްރީސް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ މައިލޯ ސިޓީއެވެ. ފިރިހެން ޑިވިޝަނުގެ ފަހު މެޗުގައި އެނެކްސް ސްޕޯޓްސް ކުލަބު އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ކުލަބު ހުޅެވެ.

ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ހެނދުނު ދަންފަޅީގައި ކުޅުނު އަންހެން ޑިވިޝަނުގެ މެޗުތަކަށް ބަލާއިރު، ކުލަބު ހުޅު އަތުން އެސްޖީސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ކުލަބު ލޮތާރިއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަވަނީ ރެޑް ހޯކްސްއެވެ. އެއަށްފަހު ޒެފްރީސް އާއި ކީންސް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން، އެ މެޗުގެ ނަތީޖާ ނެރެންޖެހުނީ ޝޫޓްއައުޓަކުންނެވެ. ޝޫޓްއައުޓުން ކުރި ހޯދައި މި މެޗު ކާމިޔާބުކުރީ ޒެފްރީސްއެވެ.

މި މުބާރާތުގެ ހަވީރު ދަންފަޅީގައިވެސް ދެ ޑިވިޝަނުގެ މެޗުތައް ކުރިއަށްދިޔައެވެ. އެގޮތުން ފިރިހެން ޑިވިޝަނުގައި ގޯޓް އެސްސީ އާއި އާރްޑީއެލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރުނީ ޝޫޓްއައުޓުންނެވެ. އެއާއެކު މި މެޗު އާރްޑީއެލްއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. އެއަށްފަހު ސަދާން އެސްސީއާ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އައިލެންޑާސް ހޯޕް އެސްސީންނެވެ. އަދި މި ދަންފަޅީގައި ފެނުނު ފިރިހެން ޑިވިޝަނުގެ ފަހު މެޗުގައި ކުލަބު ޒެފްރޯލްއާ ވާދަކޮށް ބޮންތި އެސްސީން މެޗު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ތަފާތަކުންނެވެ.

ހަވީރު ދަންފަޅީގައި ވަނީ އަންހެން ޑިވިޝަނުގެ ތިން މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން ކުލަބު ޒެފްރޯލްއާ ވާދަކުރި މެޗު ކުއީންސްއިން ކާމިޔާބުކޮށްފަވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އަދު ބަޓަފްލައިސް އާއި އެންއެކްސް އެސްސީ ވާދަކުރި މެޗު އެއްވަރުވުމުން، މެޗުގެ ނަތީޖާ ނެރުނީ ޝޫޓްއައުޓަކުންނެވެ. އެއާއެކު މި މެޗު ބަޓަފްލައިސްއިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ހަވީރު ދަންފަޅީގެ އެންމެ ފަހު މެޗަކަށް އެފްޖީސީ އާއި އެސްޖީސީގެ މެޗު ފެނިގެންދިޔައިރު، އެސްޖީސީން މި މެޗު ކާމިޔާބުކޮށްފަވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތައަކީ ވެސްޓް އެންޑް ސްޕޯޓްސް ކުލަބާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ދެ ޑިވިޝަން ހިމެނޭހެން ޖުމްލަ 24 ޓީމެއް ވާދަކުރެއެވެ.