ޓޮޓްނަމް ހޮޓްސްޕަރ ބަލިކޮށް މާދަމާ އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ހޯދުމަކީ ލިވަޕޫލްގެ ކުޅުންތެރިންގެ ޒިންމާއެއް ކަމަށް ކޯޗު އާނާ ސްލޮޓް ބުނެފިއެވެ. ތާވަލުގެ ދެވަނާގައިވާ އާސެނަލް އާއި ކްރިސްޓަލް ޕެލަސް ބުދަ ދުވަހު ކުޅުނު މެޗު އެއްވަރުވުމުން ލިވަޕޫލް ތަށި ކަށަވަރުކުރަން މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ލިވަޕޫލް އެންމެ ފަހުން ޕްރެމިއާ ލީގު ކާމިޔާބުކުރީ މިދިޔަ ސީޒަނަށް ފަހު ކޯޗުކަން ދޫކޮށްލި ޔާގެން ކްލޮޕްގެ ކޯޗުކަމުގައި 2020 ވަނަ އަހަރު އެވެ. ނަމަވެސް އެ އަހަރު ކޮވިޑްގެ ސަބަބުން ލިވަޕޫލް ސަޕޯޓަރުންނަށް ތައްޓާއެކު އުފާފާޅުކުރުމުގެ ފުރުސަތެއް ނުލިބުނެވެ. އެއީ 30 އަހަރަށް ފަހު ލިވަޕޫލަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރުވެސްމެއެވެ.
"އަހަރުމެންނަށް އެނގޭ އެންމެ ފަހުން ތަށި ލިބުނީ ކޮވިޑް ތެރޭގައިކަން. މިހެންވެ ސަޕޯޓަރުންނަށް އެ ފަހަރު އުފާފާޅު ނުކުރެވުނު. އެމީހުންނަށްޓަކައި މިއީ އަހަރުމެން މި ފަހަރު ކުރަން ޖެހޭ ކަމެއް،" ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ސަޕޯޓަރުންނަށް ޕްރިމިއާ ލީގުގެ ކާމިޔާބު ކުރެވުމުގެ އެންމެ ފުރިހަމަ އުފާ ހޯދައިދިނުމަކީ ލިވަޕޫލްގެ އެންމެންގެ ޒިންމާއެއް ކަމަށެވެ.
މި މެޗަށް ނުކުންނައިރު ލިވަޕޫލް ފޯމުގައި އޮތަސް ޓޮޓްނަމް އޮތީ ވަރަށް ހާލުގަ އެވެ. ލިވަޕޫލްގެ އެންފީލްޑްގައި އެމީހުން އެންމެ ފަހުން މޮޅުވީ 2011 ގައެވެ. އަދި މި ސީޒަނުގައި އެކަނިވެސް ޕްރިމިއާ ލީގުގެ 18 މެޗަކުން ވަނީ ބަލިވެފަ އެވެ. މި ހަފުތާގެ އަންގާރަ ދުވަހު ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި މުހިންމު މެޗެއް އޮތުމާއެކު އެ މެޗަށްވެސް ކޮންސަންޓްރޭޓް ކުރަން ވަނީ ޖެހިފައެވެ.
އެއީ މި ސީޒަނުގައި 16 ވަނައިގައި އޮތުމުން ލީގުގައި އެ ޓީމަށް ހޯދޭނެ މާބޮޑު ކާމިޔާބީއެއް ނެތުމުންނެވެ. މިހެންވެ މި މެޗަށްވުރެ ޓޮޓްނަމަށް މުހިންމު ޔޫރޮޕާ ލީގުގައި ކުޅެންޖެހޭ މެޗެވެ. މިއާ ޚިލާފަށް ލިވަޕޫލް އެއްވަނާގައި ވަނީ 12 ޕޮއިންޓްގެ ލީޑަކާއެކުގައެވެ.