ބާސެލޯނާއިން އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށް ހުށަހެޅި ގޮތާމެދު ބްރެޒިލްގެ ފޯވަޑް ރަފީނިއާ ހިތްހަމަނުޖެހިއްޖެ ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނަން ފަށައިފި އެވެ.
މި ސީޒަނުގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވަޑްގެ ކޮންޓްރެކްޓް ހަމަވާނީ 2027 ވަނަ އަހަރުގެ ސީޒަނާއެކުގަ އެވެ. މިހެންވެ ކުލަބުން ބޭނުންވަނީ އޭނާ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި އިތުރު އަހަރަށް ލިބޭގޮތަށް ސޮއިކުރުމަށެވެ. ނަމަވެސް ރަފީނިއާ އަށް މި ގޮތެއް ކަމަކުނުދެ އެވެ. އޭނާ ބޭނުންވަނީ ދެ އަހަރުގެ ދުވަހުގެ ކޮންޓެކްޓެކެވެ. އެއީ ދެ ފަރާތުން އެއްބަސްވާނަމަ އިތުރު އަހަރަކަށް ކޮންޓްރެކްޓް ދަންމާލެވިދާ ގޮތަށެވެ. މިކަމާމެދު ބާސެލޯނާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
މީގެ އިތުރުން ބާސެލޯނާއިން ހުށަހެޅި މުސާރައާ މެދު ރަފީނިއޯ ހިތްހަމަނުޖެހޭ ކަމަށްވެ އެވެ. ނަމަވެސް އެއީ ކިހާވަރެއް ކަމެއް ސްޕޭނުގެ ނޫސްތަކުން ވެސް ނުބުނެ އެވެ. ބާސެލޯނާއިން މިހާރު އޭނާ އަށް ދެނީ އަހަރަކު 12.5 މިލިއަން ޔޫރޯ އެވެ.
ރަފީނިއާ އެދެ ގޮތަށް ބާސެލޯނާއިން އޭނާ އަށް ދެ އަހަރު އަދި އިތުރު އަހަރެއް ލިބޭ ގޮތަށް ކޮންޓްރެކްޓެއް ދީފާނެ ކަމަށް ނުބެލެވެ އެވެ. ސަބަބަކީ އޭނާގެ އުމުރުން މިހާރު ވެސް 28 އަހަރު ވެފައިވާތީ އެވެ.
ރަފިނިއާ އަށް އިނގިރޭސި ޕްރެމިއާ ލީގުގެ އާސެނަލް އާއި ލިވަޕޫލް އަދި ޓޮޓެންހަމުން ވެސް ޝައުގުވެރިވާ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. އަދި އޭނާ ގަތުމަށް ސައޫދީ އަރަބިއާގެ ކުލަބުތަކުން ތިބީ ބޮޑު މުސާރައަކާއެކު ބޮޑު ހޭދައެއް ކުރަން ތައްޔާރަށެވެ.
ބާސެލޯނާއިން މި ސީޒަނަށް ފަހު ރަނގަޅު އަގެއް ލިބޭނަމަ ރަފީނިއޯ ވިއްކާލަން ވެސް ތައްޔާރުވާނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. އެކަމަކު އެއީ މަދުވެގެން 80 މިލިއަން ޔޫރޯގެ އަގެއް ލިބޭނަމަ އެވެ.