ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8 ލައްކައާ ގާތަށް!


  • އަހަރުގެ މިހާތަނަށް ރާއްޖެއަށް 788،650 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،793 ފަތުރުވެރިން އާދޭ

އަހަރުގެ މިހާތަނަށް ރާއްޖެއަށް 788،650 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު މިވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %7.5 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ 733،577 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ފަތުރުވެރިންގެ އަދަދުތައް 8 ލައްކައާ ގާތްވެފައިވާއިރު، މި އަދަދު ހަމަކުރަން ދެން ބޭނުންވަނީ 11،350 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، މިއަހަރުގެ މިހާތަނަށް ކޮންމެ މަހަކުވެސް ރާއްޖެއަށްވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިމަހުގެ ފުރަތަމަ 23 ދުވަސްތެރޭ ރާއްޖެއަށް ވަނީ 156،232 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ %20.6 އުތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ރާއްޖެއަށް ކޮންމެ ދުވަހަކު 6،793 ފަތުރުވެރިން އާދެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށްފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 85،469 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ 3 ޤައުމު:

* ޗައިނާ – 85،469 ފަތުރުވެރިން
* އިންގިރޭސިވިލާތު – 84،723 ފަތުރުވެރިން
* ރަޝިއާ – 80،668 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %70.2 މީހުންނެވެ. ގެސްޓްހައުސްތަކުގައި %24.2 މީހުން، ހޮޓެލްތަކުގައި %3 އަދި ސަފާރީތަކުގައި %2.5 މީހުން ޗުއްޓީހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.