ޚަބަރު

ވިސާ ހިމެނޭހެން ޙައްޖާޖީންގެ ހުރިހާ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައި: ޙައްޖު ކޯޕަރޭޝަން


  • ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން ޓްރެއިނިންތަކާއި މަޢުލޫމާތުދިނުން ކުރިއަށްގެންދިޔަ

  • ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައި

މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިންދާ ހުރިހައި ހާޖީންގެ ވިސާގެ އިންތިޒާމުތައް ފުރިހަމަވެފައިވާކަމަށާއި، ސަޢުދި ޢަރަބިއްޔާގެ ހުރިހާ އިންތިޒާމުތައްވެސް މިހާރު ފުރިހަމަވެފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. އެކޯޕަރޭޝަނުން މިހާރު އަންނަނީ ޙައްޖާޖީންނަށް ދަތުރަށް ފެށުމުގެ ކުރިން ޓްރެއިންއާއި، މަޢުލޫމާތު ދިނުމުގެ ސެޝަންތައް ހިންގުމުގެ އިތުރަށް ކިޓު ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު ޢަލީ ޝަރީފް ވިދާޅުވީ، ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން މިހާރުވެސް ހަފްތާއަކު ދެ ދުވަހު ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށްގެންދާކަމަށެވެ. އަދި ޙައްޖުވެރިންނަށް ފޮށިތައް ދޫކުރުމުގެ މަސައްކަތްވެސް މިހާރު ފެށިފައިވާކަމަށާއި، މި ފޮށިތަކުގައި އިޙްރާމުގެ އިތުރުން އަޅުކަމަށް ބޭނުންވާ ތަކެއްޗާއި މަޢުލޫމާތު ފޮތްތައްވެސް ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢަލީ ޝަރީފް ވިދާޅުވީ، ޙައްޖުވެރިން ފުރުމުގެ ކުރިން މައްކާ އަދި މަދީނާގައި ހަމަޖައްސަންޖެހޭ އިންތިޒާމްތަކުގެ އިތުރުން މަޝާޢިރުގެ މަސައްކަތްތައްވެސް ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާކަމަށާއި، މިއަހަރު ޙައްޖަށްދާ 1000 ޙައްޖާޖީންގެ ވިސާގެ ކަންކަންވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ.

ޢަލީ ޝަރީފް ވިދާޅުވީ، ޙައްޖުވެރިން މައްކާއަށް ދިއުމަށް އެންމެ ފުރަތަމަ ފްލައިޓު މިއަންނަ މެއި މަހުގެ 26ގައި ފުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އޭގެ ކުރިން 16 މެއިގައި އެޑްވާންސް ޓީމެއް މައްކާއަށް ފުރާނެކަމަށްވެސް ޢަލީ ޝަރީފް ވިދާޅުވިއެވެ. މި ޓީމުގެ މައިގަނޑު މަޤްޞަދަކީ ޙާޖީންނަށް މަރުޙަބާ ކިއުމާއި އެންމެ ފަހުގެ އިންތިޒާމްތައް ހަމަޖެއްސުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިއަހަރުގެ ޙައްޖު ދަތުރުތައް ކުރިއަށްދާނީ ސަޢޫދީ އެއަރލައިންސް އަދި މޯލްޑިވިއަން އެއަރލައިންސްގެ ޖުމްލަ 4 ފްލައިޓުން ކަމަށާއި، މި ދަތުރުތައް 4 ދުވަހަށް ބެހިގެންދާނެ ކަމަށްވެސް ޑީއެމްޑީ ވިދާޅުވިއެވެ.

ޙައްޖުގެ އަޅުކަން އަދާކުރާ ޙައްޖާޖީންނަށް ދަތިތަކެއް ކޮންމެ އަހަރަކުވެސް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، އެ އުނދަގޫތަށް ކުޑަކުރުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މި ދެވެނީ ހަނަފަސް ސަހަރާ ބިމަކަށް. އެތަނަކީ ބުނަންޏާމު ބޯހިޔާވަހިކަމެއްވެސް އެހާ ރަނގަޅު ތަނެއް ނޫން. އެތަނުގަ އެބަހުރި ވަރަށް ގިނަ އުނދަގޫތައް. މިސާލަކަށް ބުނަންޏާމު ފާހަނައިގެ އުނދަގޫތަކާއި މިހެން ގޮސް ކެއިންބުއިމުގެ އުނދަގޫތަކާއި މިހެން ގޮސް މެޑިކަލް ކަންތައްތައްވެސް އެބަހުރޭ. ދެން އަޅުގަނޑުމެން ހައްޖު ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތްކުރަމުންދަނީ ވީހާވެސް ބޮޑު ލުއިތަކެއް ދެވޭތޯ." ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވިއެވެ.

ޢަލީ ޝަރީފް ވަނީ ޙައްޖުގެ މަޝާޢިރުތައް ފުރިހަމަކުރުމަށްފަހު އަދި މަދީނާ ދަތުރަށްފަހު އެނބުރި ރާއްޖެ އަންނަނީ މަދީނާ އެއަރޕޯޓުންކަމަށެވެ. މަދީނާއިން ޖިއްދާ އެއަރޕޯތަށް ކުރާ ދަތުރަކީ ހައެއްކަ ގަޑިއިރުގެ ދަތުރެއްކަމަށާއި، އެއީ ޙައްޖާޖީންނަށްވެސް ބޮޑު ބުރައެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަހަރު އެ ދިގު ދަތުރުތައް ކުރުވުމަކީވެސް ޙައްޖާޖީންނަށް ލިބޭނެ ލުޔެއްކަމަށް ވިދާޅުވިއެވެ.

އަހަރުތަކާ ޚިލާފަށް މިއަހަރު ރާއްޖެއިން ގެންދާ ޑޮކްޓަރުންގެ އިތުރުން މައްކާގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ އެހީތެރިކަން ވަގުތުން ލިބިގެންދާނެ އިންތިޒާމްތައްވެސް މިއަހަރު ހަމަޖައްސާފައިވާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަވަސް ފަރުވާއެއް ދިނުމަށްޓަކައި ޞިއްޙީ ފަރުވާދޭ ކްލިނިކެއްވެސް ޙައްޖާޖީން ތިބޭ ހޮޓެލުގައި ހެދިފައިވާނެކަމަށްވެސް ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވިއެވެ.