ކޮޕާ ޑެލްރޭ ގެ ފައިނަލުގައި ރޭ ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސެވިއްޔާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެފައިވާތީ ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ކުޅުމުގަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން މޮޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ 28 ވަނަ މިނިޓުގައި ޕެޑްރީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ލަމީން ޔަމާލް ދިން ޕާހަކުން އޭރިޔާ ބޭރުގައި ހުރެ ޕެޑްރީ ވަރަށް ބާރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ދެވަނަ ހާފަށް ނިކުތްއިރު ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ވަނީ ރޮޑްރިގޯގެ ބަދަލުގައި ކިލިއަން އެމްބާޕޭ ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލާއެކު ރެއާލް މެޑްރިޑްގެ ކުޅުން ވަނީ އިތުރަށް ވަރުގަދަވެފަ އެވެ.
މި މެޗުގެ 70 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭއަށް އޭރިޔާ ކައިރިން ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި އޭގެ ހަތް މިނިޓު ފަހުން އޯރެލިއެން ޗޫމޭނީ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ. މި ލނަޑަކީ ރެއާލް މެޑްރިޑަށް ލިބުނު ކޯނަރެއް އާޑާ ގުލާ ނަގައިދިނުމުން އޭރިޔާ ތެރޭގައި ހުރެ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޗޫމޭނީ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ބާސެލޯނާއިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ލަމީން ޔަމާލް ދިން ބޯޅައަކުން ފެރާން ޓޮރޭޒް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާއިރު މި މެޗުގެ ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގައި ކުޅެފަ އެވެ. އަދި އިތުރު ވަގުތުގެ ކުޅުން ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ބާސެލޯނާގެ ޖޫލްސް ކޯންޑޭ ވަނީ ލަނޑެއް ޖަހާ ބާސެލޯނާއަށް މި މުބާރާތް ކާމިޔާބުކޮށްދީފަ އެވެ.
މެޗުގެ ކުރިންވެސް ރެފްރީންނާއި ދެކޮޅަށް ރެއާލް މެޑްރިޑް އިން ވަނީ ވާހަކަތަކެއް ދައްކާފަ އެވެ. އަދި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުންވެސް އެ ކްލަބުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ.
މި މެޗުގެ ރެފްރީ ވަނީ ބެންޗުގައި ތިބި ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމުގައިވާ އެންޓޮނިއޯ ރުޑިގާ އާއި ލޫކަސް ވަސްކޭޒް އަށް ރަތް ކާޑު ދައްކާފަ އެވެ.