އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގެ ކުއާޓާ ފައިނަލުގައި ޖަޕާނުގެ ޔޮކޮހާމާ އެފް މެރީނޯސް ބަލިކޮށް ރޮނާލްޑޯގެ އަލްނަސްރުން ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ސައުދީގެ ޖިއްދާގެ މަޝްހޫރު ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އަލްނަސްރުން ކާމިޔާބުކޮށްފަވަނީ ފަސޭހަކަމާއެކު 4-1ގެ ނަތީޖާއަކުންނެވެ.
މިމެޗުގައި ޔޮކޮހާމާ އެފް މެރީނޯސް ގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން މާގިނަ ހަމަލާތަކެއްވެސް ފެނިގެން ގޮސްފައެއްނުވެއެވެ. މިމެޗުގެ ލީޑު އަލްނަސްރުން ނެގީ މެޗުގެ 27 ވަނަ މިނިޓުގައެވެ. އަލްނަސްރުގެ ޖޯން ޑުރާން މިލަނޑު ކާމިޔާބުކޮށްދިންއިރު މެޗުގެ 31 ވަނަ މިނެޓުގައި އަލްނަސްރުގެ ޕޯޗުގަލް ކުޅުންތެރިޔާ އޮތާވިއޯ ދިން ޕާހަކުން މާނޭ ވަނީ ދެވަނަ ލަނޑު ޖަހާ ލީޑް ފުޅާކޮށްދީފައެވެ. އޭގެ ހަތް މިނިޓުފަހުން އަލްނަސްރުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް، ހަމަޖެހިލިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މާސެލޯ ބްރޮޒޮވިޗް އުފެއްދި ހަމަލާއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިމެޗުގައި ޔޮކޮހާމާގެ ޕާކް އައިއެލް-ގްޔޫގެ ގިނަ ދިފާއީ މަސައްކަތްތަކެއް ފެނިގެން ދިޔައިރު، މެޗުގެ ހަތަރުވަނަ ގޯލަކީވެސް އޭނާ ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާނަގާ އަލްނަސްރުން ޖެހި ލަނޑެކެވެ. މި ގޯލާއެކު ޖޯން ޑުރާންވަނީ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ.
މިމެޗުގައި ޖަޕާނުގެ ޔޮކޮހާމާ އެފް މެރީނޯސްގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 53 ވަނަ މިނިޓުގައެވެ. މިއީ އެޓީމުގެ އެންޑަރސަން ލޮޕޭޒްގެ އެހީއާއެކު ކޯޓާ ވަޓަނަބޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އޭޝިއަން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރޭ ނުކުތް ނަތީޖާއާއެކު އަލްނަސްރުން ސެމީގެ ޖާގަ ކަށަވަރުކޮށްފަވާއިރު، އެޓީމު ސެމީގައި ވާދަކުރަންޖެހޭނީ މިރޭ ގަތަރުގެ އަލް ސާދާއި ޖަޕާނުގެ ކަވަސާކީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މި މުބާރާތުގެ ފައިނަލު މެޗު އަންނަ މަހުގެ 30އަށް ތާވަލުކޮށްފަވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ގަދަ ހަތަރެއްގެ މެޗުތައްވެސް ކުރިއަށް ދިޔަ ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައެވެ. ސައުދީގެ ޖިއްދާގައި ހުންނަ މި ދަނޑަކީ ފަސްދޮޅަސްދެހާހަށްވުރެ ގިނަ މީހުންނަށް ވަދެވޭވަރުގެ ދަނޑެކެވެ.