ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން މިދިޔަ އަހަރު 6000އަަށްވުރެ ގިނަ ކުދިން ތެލެސީމިއާއަށް ސްކްރީންކޮށްފިއެވެ.
ސްކޫލް ކުދިން ތެލެސީމިއާއަށް ސްކްރީންކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މިދިޔަ އަހަރު ފެށި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން 124 ސްކޫލަކުން 6765 ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކޮށްފައިވާކަމަަށެވެ. އަދި ހަމަ މިމުއްދަތުގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ސެޝަންތައް މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކުގެ ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މިސެންޝަންތަކުގައި 9976 ފަރާތުން ބައިވެރިވި ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
ސްކޫލްތަކުގެ ތެރެއިން ތެލެސީމިއާއަށް ސްކްރީންކުރުމުގެ ޕްރޮގްރާމް ފުރަތަމަ ފެށީ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ގްރޭޑް 10ގެ ދަރިވަރުންނަށް ޚާއްސަކޮށްގެންނެވެ. ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ތެލެސީމިއާއާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން ތެލެސީމިއާއާބެހޭ މައުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ.
ތެލެސީމިޔާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމަށްޓަކައި އަދި ތެލެސީމިޔާ ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ހޭލުންތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ތެލެސީމިޔާއަށް ދެވޭ ފަރުވާ އިތުރަށް ކުރިއަރުވަން ދަނީ މަސައްކަތް ކުރަމުންނެވެ.
ތެލެސީމިއާ ބަލި ކަށަވަރުކުރުމަށްޓަކައި ބައެއް ހާލަތްތަކުގައި ކޮންމެހެންވެސް ހަދަންޖެހޭ ޑީއެންއޭ ޓެސްޓް ސަރުކާރުގެ ހޮސްޕިޓަލުތަކުގައި ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި މާބަނޑުވުމާއި ގުޅިގެން ތެލެސީމިއާ ކުއްޖެއްތޯ ބެލުމަށް ހަދާ "ފްރިނޭޓަލް ޑައިގްނޯސިސް ޓެސްޓް" ފެށުމަށްވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.