ޚަބަރު

ނެދަލެންޑުގެ ކިންގްސް ޑޭގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • ކިންގްސް ޑޭ ފާހަގަކުރަނީ ނެދަލެންޑުގެ ރަސްގެފާނުގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން

ނެދަލެންޑުގެ ކިންގްސް ޑޭގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

އެމަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ ނެދަލެންޑުގެ ރަސްގެފާނު ވިލަމް އެލެކްޒެންޑަރ އަށާއި ބޮޑުވަޒީރު ހެންޑްރިކަސް ވިލެމަސް މާރިއާ ޝޫފަށް މަރުހަބާ ވިދާޅުވެފައެވެ.

ނެދަލެންޑުގައި ކިންގްސް ޑޭ ފާހަގަކުރަނީ އެ ޤައުމުގެ ރަސްގެފާނުގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. އެހެންވެ ރައީސްގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނެދަލެންޑްސްގެ ރަސްގެފާނަށާއި ރައްޔިތުންނަށް ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ. އަދި ރަސްގެފާނަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށާއި، ނެދަލެންޑްސްގެ ރައްޔިތުންނަށް ތަރައްޤީއާއި ތަމައްދުނު ލިބެމުންދިއުމަށް އެދިވަޑައިގަންނަވާކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑުވަޒީރަށް ވަކިން ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނެދަލެންޑްސްގެ ބޮޑުވަޒީރަށާއި ސަރުކާރަށާއި ރައްޔިތުންނަށް، ކިންގްސް ޑޭ ގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި، ނެދަލެންޑްސްގެ ރައްޔިތުންނަށް އިތުރު ތަރައްޤީއާއި ކުރިއެރުމަށް، އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ.