ޤައުމީ ވޮލީ ލީގުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފިއެވެ. ޕޮލިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި ވެމްކޯގެ މައްޗަށް ފަސް ސެޓުން ކުރި ހޯދައިގެންނެވެ.
މިމެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރި ހިސާބުން ޕޮލިސްއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވިއެވެ. އެއީ ރޭގެ މެޗާ ކުރި މަތިލިއިރު ވެމްކޯއަށް ޗެމްޕިއަންކަން ހޯދެން އޮތް ހަމައެކަނި ގޮތަކީ ފަސް ސެޓަށް ނުގޮސް ޕޮލިސް ކްލަބްގެ މައްޗަށް ކުރި ހޯދުމެވެ.
މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން ކާމިޔާބުކުރަން ޕޮއިންޓަކަށް ވެފައިވަނިކޮށް ޕޮލިސް ކްލަބުން ވަނީ ވެމްކޯއަށް އިތުރު ޕޮއިންޓެއް ނުދީ 6 ޕޮއިންޓް ހޯދާ ފަހަތުން އަރާ ފުރަތަމަ ސެޓު 26-24އިން ކާމިޔާބުކޮށްފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ދެވަނަ ސެޓު ފަށައިގެން ނެގި ލީޑާއެކު ޕޮލިސް ސެޓު ކާމިޔާބުކުރީ 25-17 އިންނެވެ. ފުރަތަމަ ދެ ސެޓާއެކު ޕޮލިހަށް ލީގު ކަށަވަރުވި ހިސާބުން އެޓީމުގެ ކުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިތަން ފާހަގަކުރެވުނެވެ. އަދި ޖެހިގެން އައި ދެ ސެޓު ވެމްކޯއިން ގެންދިޔައީ 19-25 އަދި 23-25 އިންނެވެ.
ދެ ސެޓު ދެ ސެޓުން މެޗު އެއްވަރުވުމުން ކުޅުނު ފަހު ސެޓު ޕޮލިސް ކްލަބުން ވަނީ ތަފާތުބޮޑުކޮށް ކާމިޔާބުކޮށް މުބާރާތުގެ ތައްޓާއެކު ލީގުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. ޑިސައިޑިން ސެޓު ޕޮލިސް ކްލަބުން ގެންދިޔައީ 15-5 ކުންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޕޮލިސް ކްލަބްގެ ބިދޭސީ ކުޅުންތެރިއާ ސޮފިއާ ގްރެކާއެވެ.
މުބާރާތުގެ އެންމެ މޮޅު ދެ އައުޓްސައިޑް އެޓޭކަރުންނަށް ހޮވުނީ ޕޮލިސް ކްލަބްގެ އައިމިނަތު އަރީޝާ އާއި ކްލަބް ވެމްކޯގެ އައިޝަތު މާޖިދާއެވެ. އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރގެ މަގާމް ހޯދީ ފްލެކްސަރ ސްޕޯޓްސް ކްލަބްގެ ފާތިމަތު ސަމްހާއެވެ. އެންމެ މޮޅު ދެ މިޑިލް ބްލޮކަރގެ މަގާމް ހޯދީ ޕޮލިސް ކްލަބްގެ މަރިޔަމް އަޒުމާ އާއި ކްލަބް ވެމްކޯގެ ނަރޭމާ އިދްރީސްއެވެ.
އެންމެ މޮޅު ސެޓަރުގެ މަގާމް ހޯދީ ކްލަބް ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރެވެ. އެންމެ މޮޅު ލިބެރޯގެ މަގާމް ހޯދީ ކްލަބް ވެމްކޯގެ ނުހާ ވަހީދެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ހުރާ ކޮމިއުނިޓީ ކްލަބްގެ މަރިޔަމް ރިޝްފާއެވެ.
އެންމެ މޮޅު ކޯޗު މަގާމް ހޯދީ ޕޮލިސް ކްލަބްގެ ކޯޗު މުނާ މުނީރެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ޕޮލިސް ކްލަބްގެ ގްރެޒެލޭ ރެބެރޯ ދެ ސޫޒާ ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ޕޮލިސް ކްލަބްގެ އައިމިނަތު އަރީޝާއެވެ.