މައްކާ ރޫޓް އިނީޝިއޭޓިވްގައި، ރާއްޖެ ހިމަނައިދެއްވުމަށް އެދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސަޢުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި، ހިމެނުމަށް ސަޢުދީ އަރަބިއްޔާ ސަރުކާރުގައި އެދިފައިވާކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމުން ރާއްޖޭގެ ޙައްޖުވެރިން ސައުދީ ޢަރަބިއްޔާގެ ޖިއްދާ އެއަރޕޯޓްގައި މަޑުކުރާކަށް ނުޖެހޭނެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުން ޖިއްދާ އެއަރޕޯޓަށް ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެކަމަށެވެ. އަދި ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރާނީ ސައުދީ އެއަރޕޯޓްގައި ކުރަންޖެހޭ ކަންކަންވެސް ކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާތަނަށް މިފުރުޞަތު ލިބިފައިވަނީ ޖުމުލަ 7 ޤައުމަކަށްކަން ފާހަގަކުރައްވާ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރަމުންދާކަމަށާއި ޙައްޖުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް އެތެރެވާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ ގޮތުން 2017 ވަނަ އަހަރު އެޤައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ދޭން ފަށާފައިވާ ޚިދުމަތެކެވެ.