ޚަބަރު

ހައިޑްރޯޕޯނިކްސް ނިޒާމަށް އަހުލުވެރިކުރުވުމަށް އޮމަދޫގައި ތަމްރީން ޕްރޮގްރާމެއް ފަށައިފި


  • މިޕްރޮގަރާމްގައި ޖުމްލަ 27 ފަރާތަކުންވަނީ ބައިވެރިވެފައި

  • ވާރޭ ހިޔާ އަދި ހައިޑްރޯޕޯނިކް ނިޒާމުތައް ޤާއިމުކުރުމުގެ ޢަމަލީ ތަމްރީނުތައް ދޭނެ

ހައިޑްރޯޕޯނިކްސް ނިޒާމަށް އަހުލުވެރިކުރުވުމަށް އދ.އޮމަދޫގައި ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އޮމަދޫގައި ހިންގާ މިތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ 25 އޭޕްރީލް އިން 18 މެއިއަށެވެ.

މިޕްރޮގްރާމުގެ މަޤްސަދަކީ ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް އެރަށު ރައްޔިތުންނަށް ދަސްކޮށްދިނުންކަމަށެވެ. މިޕްރޮގްރާމުގައި ތެރެއިން އުގަންނައިދިނުމުގެ އިތުރުން، ވާރޭ ހިޔާ އަދި ހައިޑްރޯޕޯނިކް ނިޒާމުތައް ޤާއިމުކުރުމުގެ ޢަމަލީ ތަމްރީނުތައް ކުރިއަށްދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މިއިން ކޮންމެ ނިޒާމެއްގައި ހިމެނެނީ ދެ ބައެކެވެ. އެއީ ފަތްޕިލާވެލި ހައްދާ އެންއެފްޓީ (ނިއުޓްރިއަންޓް ފިލްމް ޓެކްނިކް) ނިޒާމަކާއި، ކަރައާއި ކިއުކަމްބާ ހައްދާ ވަކި ނިޒާމެއްކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިޕްރޮގަރާމްގައި ޖުމްލަ 27 މީހުން ވަނީ ބައިވެރިވެފައެވެ. މީގެތެރެއިން ހޮވާލެވޭ 10 ފަރާތަކަށް ޢަމަލީ ތަމްރީނާއި ހައިޑްރޯޕޯނިކް ނިޒާމުތައް ލިބޭނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަނީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ އޮފިސަރުންނެވެ. އެގޮތުން މި ތަމްރީނު ޕްރޮފްރާމްގައި ނިޒާމު ޤާއިމުކުރުމާއި، ބެލެހެއްޓުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ދަސްކޮށްދެއްވާނެކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިމަޝްރޫޢަކީ ވެލިނެތި ދަނޑުވެރިކަން ކުރިއެރުވުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރުމަށާއި، އައު އުކުޅުތަކުން ދަނޑުވެރިކަން ކުރުމަށް މުޖުތަމަޢުތަކަށް ބާރު ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއްކަމަށެވެ.