ސޮކާ ވެޓެރަންސްއިން އިންތިޒާމުކޮށްގެން ބާއްވާ 12 އަހްރުން ދަށުގެ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕްގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ ހެންވޭރު ދަނޑުގައެވެ.
މޭމަހުގެ 1-3 އަށް ބާއްވާ މިމުބާރާތުގައި 26 އެކަޑަމީއަކުން ޖުމްލަ 44 ޓީމު ވާދަކުރާނެއެވެ. މުޅި މުބާރާތުގައި 222 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ގުރޫޕް ސްޓޭޖާއި، 2 ވަނަ ބުރާއި ގަދަ ސޯޅަ އަދި ކުއާޓާރ ފައިނަލާއި ސެމީ ފައިނަލާއި ފައިނަލް ކުޅޭ ގޮތަށް ބާއްވާ މި މުބާރުގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ބޭނުންވާ ކަމަށް މުބާރާތް އިންތޒިާމު ކުރާ ފަރާތުން ބުނެއެވެ.
މެންހެޓަން ރެސްޓޯރެންޓްގައި ހޯމަދުވަހުގެ ރޭ ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސޮކާ ވެޓެރަންސްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ މިއީ ވީހާވެސް ގިނަ ކުދިންނަށް މެޗުތަށް ކުޅުމުގެ ފުރުސަތުދީގެން ކާނިވަލެއް ގޮތަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.
އެގޮތުން ކޮންމެ ޓީމަކަށްވެސް މަދުވެގެން 3 ނުވަތަ 6 މެޗު ކުޅުމަށް ފުރުސަތު ލިބޭނެ ކަމަށާއި، މިއީ ގިނަ ކުދިންތަކަކަށް ހުނަރު ދައްކާލަން ލިބޭ ފުރުސަތެއްކަމަށް ޝަމީމް ވިދާޅުވިއެވެ.
މިއީ އެކަޑަމީ ޗެމްޕިއަންޝިޕްގެ ނަމުގައި މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ. އެހެންނަމަވެސް މައިލޯ ފިއެސްޓާ ބާއްވާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެއެވެ. އަދި މިހާރު ފުރަތަމަ ޑިވިޝަނުގައި ފެންނަ ކުޅުންތެރިންނަކީ މައިލޯ ފިއެސްޓަރގައި ކުރިން ކުޅުނު ހުނަރުވެރި ކުޅުންތެރިންކަން ޝަމީމް ފާހަގަ ކުރިއެވެ.
އަދި މައިލޯ ފިއެސްޓާރއިން ފެނިގެންދިޔަ ހުނަރުވެރި ކުޅުންތެރިން މިހާރުގެ ގައުމީ ޓީމުގައިވެސް އެބަތިބި ކަމަށާއި، ފިއެސްޓަރއަކީ ކުރިއަރަމުން އަންނަ ކުޅުންތެރިންނަށް ހުނަރު ތަރައްޤީކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ފިއެސްޓަރ ބާއްވަމުން އަންނައިރު މީގެ ކުރިން އައްޑޫ، ފުވައްމުލައް އަދި ނޫނު އަތޮޅުގައިވެސް މުބާރާތް ބާއްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ވަނީ ސޮކާ ވެޓެރަންސް އެސޯސިއޭޝަންގެ ވެބްސައިޓްވެސް ލޯންޗްކޮށްފައެވެ.