ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގައި ދިވެހިރާއްޖެއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ދިވެހި ކުންފުނިތަކުން ބުނެފިއެވެ. އަރަބިއަން ޓްރެވެލް މާކެޓް މިމަހުގެ 28 ވަނަ ދުވަހު ފަށާފައިވާއިރު ދިވެހި ރާޢްޖޭގެ ޕެވިލިއަަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޒިޔާރަތްކުރަމުންނެވެ.
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން ކޮންމެ އަހަރަކުވެސް ރާއްޖެ ޕްރޮމޯޓް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފެއަރތަކުގައި ބައިވެރިވެއެވެ. އެގޮތުން މިއަހަރު ބައިވެރިވާ އެންމެ ބޮޑު އެއް ފެއަރ އަކީ، އަރަބިއަން ޓްރެވެލް މާކެޓެވެ. އަރަބިއަން ޓްރެވެލް މާކެޓަކީ މިފަހަރު އެމްއެމްޕީއާރްސީން ބައިވެރިވާ ފްލެގްޝިޕް ފެއަރއެވެ.
ފެއަރ ފެށިގެން މިހާތަނަށް އައިއިރު، އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއް ކަމަކީ، ދިވެހި ރާއްޖެއިން މިފެއަރއަށް ވެފައިވާ ތައްޔާރީތަކެވެ. އަދި ފެއަރގެ ތެރެއިން ރާއްޖެ ޕެވިލިއަންއަށް ދުވަސް ފެށޭއިރު އޮންނަނީ ފުރިބާރުވެފައެވެ. އެތައް ހާސް ބަޔަކު ދަނީ ޒިޔާރަތްކުރަމުންނެވެ. ދިވެހިންގެ ވިޔަފާރިތަކަށް އަދި ރާއްޖެއަށް އައުމަށް އެތައް ބައެއްގެ ޝައުޤުވެރިކަން އެބަހުއްޓެވެ. މިކަން އޭޓީއެމްގައި ބައިވެރިވި ދިވެހި ކުންފުނިތަކުންވެސް ދަނީ ފާހަގަކުރަމުންނެވެ.
މިފަހަރު ދިވެހި ޕެވިލިއަންއިން އެންމެ ބޮޑު ޖާގައެއް ހޯދި އެއް ބަޔަކީ ދިވެހި ޓުއަރ އޮޕަރޭޓަރ ރިސޯޓްލައިފް މޯލްޑިވްސްއެވެ. ރިސޯޓް ލައިފްގެ ސީއީއޯ ޝާޒް ވަލީދު ވިދާޅުވީ އޭޓީއެމްއަށް އިސްކަމެއް ދިނުމަށް އަބަދުވެސް ވަކާލާތު ކުރަމުން ދިޔަ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި ވާހަކައެއް އޭޓީއެމް އެބަޖެހެއޭ ރާއްޖެ މި ސްކޭލްގައި ތަމްސީލް ކުރަން. ވަރަށް ރަނގަޅުކޮށް ސްޓޯލްވެސް ހުރީ. ކުރީ އަހަރުތަކާއި އަޅާބަލާއިރު ޓާންއައުޓްވެސް ވަރަށް ރަނގަޅު އިނޑިވިޖުއަލްކޮށް ބުނާނަމަ ވިޔަފާރި އުސޫލުން ބަލާއިރު މިފަހަރު މާ ރަނގަޅު ކަމަށް ފެނޭ. އެ ވާގޮތަކީ [ދުބާއީ] އެބަ ބަދަލުވޭ ދުނިޔޭގެ ހުރިހާ ކޮންޓިނެންޓެއްގެ ހަބަކަށް" ރިސޯޓްލައިފްގެ ސީއީއޯ ޝާޒް ވިދާޅުވިއެވެ.
ޝާޒްގެ މިވާހަކަތަކަށް ރާއްޖޭގައި އެންމެ ފުޅާދައިރާއެއްގައި ޓްރެވެލް އޭޖެންޓްސް އަދި އެއަރލައިންތައް މެނޭޖްކުރަމުންދާ އެއް ފަރާތްކަމަށްވާ އިނާމޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާޤު އެއްބަސްވެވަޑައިގަންނަނެވެ. އޭނާ ޤަބޫލުކުރައްވާ ގޮތުގައި، މިއަހަރު އަދަދުތައް އިތުރުވުމުން ރާއްޖެއަށްވެސް ބޮޑު ފައިދާއެއް ކުރާނެކަމަށެވެ.
"ކުރިން އަހަރަށްވުރެ މިފަހަރު ނަންބާސްތައް ވަރަށް ބޮޑު. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ރާއްޖެއަށްވެސް މީގެ ވަރަށް ބޮޑު ފައިދާއެއް ކުރާނެ. މީގެ ސްޕޮންސަރޝިޕްތަކަށް ބަލާއިރުވެސް ރާއްޖެ މިވަނީ ވަރަށް ބޮޑަށް އިޝްތިހާރު ކުރެވިފައި. ޕާޓިސިޕެންޓްސްއަށް ބަލާއިރު މިތާ އެބައުޅޭ، ރިސޯޓް އޯނަރުން، ރިސޯޓް އޮޕަރޭޓަރުން، ޓްރެވެލް އެޖެންސީތަކާއި ސަފާރީ ބޯޓުތަކާއި ގެސްޓު ހައުސްތައްވެސް އެބަތިބި" ފިރާޤު ވިދާޅުވިއެވެ.
މުޅި ޖުމްލަ 110 ކުންފުންޏަކުން 235 މަންދޫބުން މިފަހަރު އަރަބިއަން ޓްރެވެލް މާކެޓުގައި ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ބޮޑެތި ރިސޯޓުތަކުގެ އިތުރުން ދެން އެންމެ ބޮޑަށް ފާހަގަވެގެން ދަނީ ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ގެސްޓް ހައުސްތަކުން ކުރަމުންދާ މަސައްކަތެވެ. ނޭޝަނަލް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނާޝިދު ވަނީ މިފަހަރު މާކެޓުގައި ގެސްޓް ހައުސްތަކަށް ފަހި ފުރުސަތުތަކެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.
"މިފަހަރުގެ އޭޓީއެމްގައި ބައިވެރިވި ގެސްޓު ހައުސްތައް ގިނަ ކަމަށް ފާހަގަކުރެވެނީ. ފެއަރތަކުގައި ބައިވެރިވެގެން ވަރަށް ގިނަ ގެސްޓުން އާދޭ. ދެން ފާހަގަކޮށްލަން މިފަހަރު އޭޓީއެމްގެ އިންތިޒާމުތައް އެމްއެމްޕީއާރްސީގެ ފަރާތުން ވަރަށް ފުރިހަމައަށް ކޮށްފައި އޮތީ. އެކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އެމްއެމްޕީއާރްސީއަށް" ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނާޝިދު ވިދާޅުވިއެވެ.
ފެއަރގައި ގިނަ އަދަދެއްގެ ކުންފުނިތަކުން ބައިވެރިވެފައިވާއިރު، މިފަހަރު ރާއްޖޭގެ ޕެވިލިއަންއަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. ސަޤާފީ ހުށަހެޅުންތަކާއެކު ފަންނުވެރިންގެ ހުނަރުތައް ދައްކާލުމުން ދާއިރު، މިއަހަރުގެ އޭޓީއެމްއަކީ ދިވެހި ކުންފުނިތަކަށް އެންމެ ކަމިޔާބު އެއް އަހަރު ގޮތުގައި އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.