ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއޭއެމް) އިން މިމަހު 4ގައި ފަށާ ލީގު ކަޕްގެ ގުރުއަތުލުން ބާއްވައިފިއެވެ.
ގުރުނެގުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު މެންދުރު ގަލޮޅު ދަނޑުގައެވެ. އެފްއޭއެމްއިން އިންތިޒާމުކޮށްގެން "ލީގް ކަޕް" ގެ ނަމުގައި ބާއްވާ މި ވާދަވެރި ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މެއި 04 ވާ ހޯމަދުވަހުގެ ރޭ ގަލޮޅު ދަނޑުގައެވެ.
އޯޕަނިން މެޗު އޮންނާނީ އެރޭ 21:00 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބެވެ. އަދި 5 ވަނަ ދުވަހު އޮންނާނީ އެންމެ މެޗެކެވެ. އެގޮތުން އެދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ނިއުރޭޑިއަންޓެވެ. ތިން ދުވަހުން ތިން ދުވަހުން މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހެވެ.
އެފްއޭއެމުން ބުނީ މިއީ ކުޅިވަރު ވުޒާރާގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރިޔަށް ގެންދަން ނިންމާފައިވާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަނުގެ 3 ކުލަބު ކަމަށްވާ މަޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އޮޑި ސްޕޯޓްސް ކުލަބާ، ޓީސީ ސްޕޯޓްސް ކުލަބާއި ދެވަނަ ޑިވިޝަނުގައި ހިމެނޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އދ. މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
މި މުބާރާތުގެ ހުރިހާ މެޗުތަކެއް ބެލުމަށް ސަޕޯޓަރުންނަށް ހިލޭ ގަލޮޅު ދަނޑަށް ވަދެވޭނެ އިންތިޒާމު އެފްއޭއެމުން ވަނީ ހަމަޖައްސާފައެވެ. ލީގު ކަޕް 2025 އަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީ އާއި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާވާފައިވާ މުބާރާތެވެ.
ސާފް ޗެމްޕިއަންޝިޕް 2026 އަށް ފަސްކޮށްފައިވީ ނަމަވެސް މި މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށް އެކަށީގެންވާ ގައުމީ ސްކޮޑެއް ނެގުމަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތަކަށް ވާނެއެވެ.