އަތޮޅުތައް

ފުވައްމުލަކުގައި ބަހުގެ ޚިދުމަތް އާންމުކޮށް ދޭން ފަށައިފި


ފުވައްމުލަކުގައި ބަހުގެ ޚިދުމަތް އާންމުކޮށް ދޭން ފަށައިފިއެވެ.

މިކަމަށްޓަކައި ފުވައްމުލަކުގައި އޮތް ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވާ މި ޚިދުމަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރ އަލީ ފަޒާދުއެވެ. މި ޚިދުމަތް ފެއްޓެވުމުގެ ގޮތުން އެމްޕީއެލްއިން ވަނީ 35 މީހުންގެ ޖާގައިގެ 2 ބަސް އެރަށަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، ދެ ބަސް ބޭނުންކޮށްގެން ބަހުގެ ޚިދުމަތް ފެށިކަމުގައި ވިޔަސް ވަރަށް އަވަހަށް އިތުރު ބަސްތައް ގެންނާނެ ކަމަށެވެ. މިގޮތުން ސްކޫލް ކުދިންނަށް ހާއްސަ ބަސް ގެންނަވާނެކަން ޖުނައިދު ފާހަގަކުރެއްވިއެވެ. ޖުނައިދު ވިދާޅުވީ، އައްޑޫސިޓީއާއި ފުވައްމުލަކާއި ދެމެދު އަމާންކަމާ ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމް އެމްޕީއެލުން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. މިގޮތުން ގަދަ ކަނޑުގައިވެސް އަމާންކަމާއި ރައްކާތެރިކަމާއިއެކު ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފެންވަރު ރަނގަޅު އޭސީ ފެރީއެއް ވަރަށް އަވަހަށް ގެންނަވާނެ ކަމަށެވެ.

އަދި މި 2 އަތޮޅު ދެމެދުގައި ތަރުކާރީއާއި މުދާ އުފުލަން ހާއްސަ ފެރީއެއްވެސް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ޖުނައިދު ވިދާޅުވިއެވެ. ބަހުގެ ޚިދުމަތް އިފްތިތާހު ކުރެއްވުމަށްފަހު އެރަށުގައި ވަނީ ހާއްސަ ވެހިކަލް ބުރެއް ބާއްވަވާފައެވެ. މީގެ އިތުރުން މޯލްޑިވިއަން އައިޑޮލްގެ ޓޮޕް ޓެންގެ ބައެއް ބައިވެރިންނާއިއެކު ރޭ ވަނީ ހާއްސަ ސްޓޭޖް ޝޯވއެއްވެސް ބާއްވާފައެވެ. ފުވައްމުލަކުގައި ފެށި ބަހުގެ ޚިދުމަތް މިހަފްތާގައި ޚިލޭ ދިނުމަށްފަހު ދަތުރަކަށް 10 ރުފިޔާ ނެގުމަށް ހަމަޖެހިފައިވެއެވެ. ފުވައްމުލަކުގައި އެމްޕީއެލްއިން ބަސް ދަތުރުގެ ޚިދުމަތް މިފެށީ އެމްވީކޭއިން އެއަތޮޅުގައި ފެށި މި ޚިދުމަތް މެދުކެނޑިފައި އޮންނަތާ އެތައް ދުވަހެއްވީ ފަހުން ކަން ފާހަގަކޮށްލެވެއެވެ.