ބައިނަލްއަގުވާމީ އެކި ބޭންޑުތަކުން ބައިވެރިވާ، ބެޓަލް އޮފް ދަ ބޭންޑް އިންޓަރނޭޝަނަލްގެ ސެމީ ފައިނަލަށް އެ މުބާރާތުގައި ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑު ކޮލިފައިވެއްޖެއެވެ.
އިންޑިއާގައި ކުރިއަށްދާ ބައިނަލްއަޤުވާމީ މިޔުޒިކް ބޭންޑުތަކުގެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ބޭންޑެއް ކަމަށްވާ، "ޓޫ އޮފް އަސް"އިން ދަނީ ކުޅަދާނަ ހުށަހެޅުންތަކާއި ހަރަކާތްތަކެއް ދައްކަމުންނެވެ. މިހާތަނަށް އެ ބޭންޑުން މުބާރާތުގައި ޕަރފޯމްކޮށްފައިވާ ހުރިހާ ހުށަހެޅުމަކަށްވެސް ޖަޖުންނާއި ބެލުންތެރިން، ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ.
ސެމީ ފައިނަލަށް ކޮލިފައިވުމުން "ޓޫ އޮފް އަސް" ބޭންޑުން ބުނީ ސެމީ ފައިނަލަށް ކުރި މި ދަތުރުގައި ދިވެހި އެންމެހާ ރައްޔިތުން ޝާމިލުވާ ކަމަށެވެ. އަދި ބޭންޑުގައި ފަހަތުގައި ސަޕޯޓަރެއްގެ ގޮތުގައި ތިބި ކޮންމެ ދިވެއްސަކަށްވެސް، މިއީ ލިބޭ ބޮޑު ކާމިޔާބެއްކަމަށް އެ ބޭންޑުން ބުންޏެވެ.
ބޭންޑުން ބުނީ ހުވަފެނެއް ދެކި، އެކަން ޙާސިލުކުރުމަށް ގަދައަޅައި މަސައްކަތްކޮށްފިނަމަ، ކާމިޔާބުވާނެކަން މިހާރު ހާމަވަމުން އެބަދާ ކަމަށެވެ.
ބެޓަލް އޮފް ދަ ބޭންޑްސްގައި މިހާތަނަށް އެކި ޤައުމުތަކުގެ ބޭންޑުތަކުން ހުނަރުތައް ދައްކާލާފައިވާއިރު، މި މުބާރާތުގައި 12 ބޭންޑެއް ވާދަކުރެއެވެ.
އެލިމިނޭޝަން ރައުންޑުގައި ވާދަކުރި 12 ބޭންޑުވެސް ލަވަ ކުޅުނުއިރު، އޭގެ ތެރެއިން ސެމީ ފައިނަލަށް ގޮސްފައިވަނީ 6 ޓީމެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބޭންޑުވެސް ހިމެނެއެވެ. މުބާރާތުގެ ސެމީ ފައިނަލުން އެއް ބޭންޑު ކަޓާއިރު ފައިނަލުގައި 5 ބޭންޑު ވާދަކުރާނެއެވެ. އަދި މެއި 2ވަނަ ދުވަހު އޮންނަ ފައިނަލުގައި މި ބޭންޑުތަކުގެ ތެރެއިން އެންމެ މޮޅު ތިން ބޭންޑު ހޮވާނެއެވެ.
ރާއްޖޭގެ "ޓޫ އޮފް އަސް"އިން ބުނީ އެ ބޭންޑުން އޮތީ ކޮންމެ ކަމަކަށްވެސް ތައްޔާރަށް ކަމަށެވެ. އަދި އަހަރުތަކެއްގެ ބުރަ މަސައްކަތްތަކަކާއެކު ރާއްޖެއަށް ތާރީޚީ މޮޅެއް ހޯދައިދިނުމަކީ އަމާޒު ކަމަށްވެސް އެ ބޭންޑުން ބުނެއެވެ.
ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދިވެހި ބޭންޑު، "ޓޫ އޮފް އަސް" ރާއްޖެ ތަމްޞީލު ކުރުމުންއަންނައިރު ދިވެހިންގެ ފަރާތުން އެ ބޭންޑަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެ ބޭންޑުގެ ހުށަހެޅުންތަކަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
"ޓޫ އޮފް އަސް" ބޭންޑުން ބެޓަލް އޮފް ދަ ބޭންޑްސްގައި ދިވެހި އަދި ހިންދީ ލަވަތައްވެސް ހުށަހަޅައެވެ. އެ ބޭންޑުގެ ހުނަރުވެރިކަން ހުރިހާ ޖަޖުންވެސް ފާހަގަކުރެއެވެ. އެގޮތުން، އިންޑިއާގެ މިޔުޒިކް އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް މިޔުޒިކް ކޮމްޕޯސަރު ކަމަށްވާ އަނޫ މަލިކްވެސް ވަނީ ޓޫ އޮފް އަސް އަކީ މިފަހުން އޭނާއަށް ފެނުނު އެންމެ ހުނަރުވެރި ބޭންޑު ކަމަށް ބުނެފައެވެ. އަދި ބޭންޑުގައި ހިމެނޭ ފަންނާނުންގެ ހުނަރުތަކަށް އޭނާވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.