ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ސީދާ ޖަގާއެއް ކުލަބު ވެމްކޯއިން ޔަގީންކުރިއިރު، ސެމީ ފައިނަލުގައި ޕޮލިސް ކުލަބާއި ހުރާ ކޮމިއުނިޓީ ކުލަބު ވާދަކުރަން ޖެހިއްޖެއެވެ.
ޒުވާނުން މަރުކަޒުގައި ރޭ ކުޅުނު މެޗު ވެމްކޯ ކާމިޔާބުކުރީ ޕޮލިސް ކުލަބާ ވާދަކޮށް 3-2 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ކާމިޔާބު ކުރީ 25-20 އިންނެވެ.
ޕޮލިސް ޓީމުން ފުރަތަމަ ސެޓު ގެންދިޔުމާ އެކު ދެވަނަ ސެޓުގައި އިތުބާރާއެކު ކުޅެ އެޓީމުން ދެވަނަ ސެޓު ވެސް ގެންދިއެވެ. އެއީ 25-23 އިންނެވެ. މިއާ އެކު ޕޮލިސް ޓީމުން ޖެހިގެން އައި ސެޓް ކާމިޔާބުކޮށް މެޗު ނިންމާލާނެ ކަމަށް ބެލެވުނު ނަމަވެސް ދެން ފިނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.
މެޗުގެ ތިންވަނަ ސެޓުގައި ޕޮލިސް ޓީމު ދައްކޮށް ފެނިގެންދިޔައިރު އޭގެ ފައިދާނަގާ ވެމްކޯ ވަނީ 25-15 އިން ތިންވަނަ ސެޓު ކާމިޔާބުކޮއްފައެވެ. އެހޯދި ހިއްވަރާ އެކު މެޗުގެ ހަތަރުވަނަ ސެޓު 25-23 ކާމިޔާބުކޮށް މެޗުގެ ފޯރި ވެމްކޯއިން ގަދަކޮއްލިއެވެ.
މިއާއެކު ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ވެމްކޯ ގެންދިޔައީ 15-10 އިންނެވެ.
މި ނަތީޖާ އެކު ލީގު ބުރުގައި ހޯދި 9 ޕޮއިންޓާއެކު އެއްވަނައިގައި ގޮތުގައި ވެމްކޯ އިން ވަނީ ފައިނަލުގެ ޖާގައެއް ޔަގީންކޮއްފައެވެ. މުބާރާތުގެ ސެމީގަ ވާދަކުރާނީ 6 ޕޮއިންޓާ އެކު ދެވަނަ ހޯދި ޕޮލިސް ކުލަބާއި، 5 ޕޮއިންޓާ އެކު ތިންވަނަ ހޯދި ހުރާއެވެ.
މި ދެޓީމު ވާދަކުރާ ސެމީ ފައިނަލު އޮންނާނީ މާދަމާރެއެވެ. މުބާރާތުގެ ފައިނަލު އޮންނާނީ އާދީއްތަ ދުވަހުގެރެ އެވެ.