ޚަބަރު

ބޯޑޯ އަތުން ޓޮޓްނަމްއަށް ފަސޭހަ މޮޅެއް


ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ނޯވޭގެ ބޯޑޯ/ގްލިމްޓާ ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވެއްޖެއެވެ.

ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޓޮޓްނަމްއިން ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގެ ފުރަތަމަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރ ގެ ބްރެނަން ޖޯންސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ރިޗާލިސަން ދިން ބޯޅައެއް ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ޓޮޓްނަމް ހޮޓްސްޕަރ އިން މި މެޗުގެ ފަރަގު ބޮޑުކޮށްފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި ޖޭމްސް މެޑިސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރާތެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ޓޮޓްނަމް ހޮޓްސްޕަރ އަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޑޮމިނިކް ސޮލާންކޭ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ 3-0 އަށް ބަދަލުވުމުންނެވެ.

ބޯޑޯ/ގްލިމް އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް އުލްރިކް ސަލްޓްނޭޝް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޖޭމްސް މެޑިސަން އާއި ޑޮމިނިކް ސޮލާންކޭ އަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން އެ ދެ ކުޅުންތެރިން ވަނީ ބަދަލުކޮށްފަ އެވެ.

މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވުމާއިއެކު ޔޫރޮޕާ ލީގުގެ ފައިނަލުގައި އިނގިރޭސިވިލާތުގެ ދެ ޓީމު ބައްދަލުކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑުވެފަ އެވެ.