ޚަބަރު

ދިިވެހިން ކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއް: ރައީސް


  • މަސްވެރިންގެ ޤައުމީ ދަފްތަރެއް ވަނީ އިފްތިތާހުކޮށްފަ

  • ބެންކު މެދުވެރިކޮށް އަމިއްލަ ނަމުގައި ލޯނު ނެގުމުގެ ފުރުޞަ ވަނީ ފަހިކޮށްދެއްވާފަ

ދިވެހި މަސްކަނޑުތަކުގައި ދިިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކާބަފައިންގެ ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއްކަމެވެ. ރައީސް ވަނީ މަސްވެރިކަމުގެ ޞިނާޢަތް ނެގެހެެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 2 ވަނަ ދުވަހަކީ ވޯލްޑް ޓޫނާ ޑޭ، ނުވަތަ ދުނިޔޭގެ ކަނޑުމަހުގެ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކަނޑުގެ މަހުގެ ސްޓޮކް ބަލަހައްޓާއި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ބާރު އެޅުމުގެގޮތުންނެވެ.

ދުނިޔޭގެ ނިސްބަތުން އެންމެ ސާފު، ރީތި އަދި ކަނޑުގެ ދިރުންތަކާއި ރައްޓެހި މަސްވެރިކަމެއް ކުރަމުންދަނީ ދިވެހިރާއްޖޭގައެވެ. ޒަމާނުއްސުރެ ދިވެހީން ކުރަމުން އައި ތިމާވެއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަމަށް ބަލާއިރު، މިފަދަ މަސްވެރިކަމެއް އެންމެ ފުޅާދާއިރާއެއްގައި މިއަދު އޮތީވެސް ދިވެހިރާއްޖޭގައެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ދޮށީގެ މަސްވެރިކަމުން ބާނާ މަސް ވިއްކުމާއި އަގު ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖެއަށް ނެތް އިރު، މިކަމުގެ ފައިދާ ނަގަމުން އަންނަނީ ވާދަވެރި އެހެން ޤައުމުތަކުންނެވެ.

ކަން މިހެން އޮތް ނަމަވެސް، ދިވެހީން އެ މަސައްކަތަކަށްޓަކައި ފަޚްރުވެރިވާ މަސްވެރިކަމުގެ ސިނާޢަތް ނެގެހެއްޓެވުމަށްޓަކައި އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި ސަރުކާރުގެ މިހިނގާ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، ދިވެހިރާއްޖޭގައި އެއްފަހަރާ 25000 ޓަނުގެ މަސް ރައްކާކުރެވޭނެ ޤާބިލުކަން އިތުރުކުރެވިގެންދިއުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ. ބައެއް މަސައްކަތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.

ހަމަމިއާއެކު، މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، އިތުރަށް ފުޅާކުރުމުގެ ގޮތުން ފަރުމަސްވެރިކަމާއި ސްޕޯޓްސް ފިޝިންގް ތަރައްޤީ ކުރުމަށް އަމާޒުކޮށްގެން އެސް.އެމް.އީ ޑިވަލޮޕްމަންޓް ފައިނޭންސިންގް ކޯޕަރޭޝަނާ ގުޅިގެން ޚާއްޞަ ލޯން ޕްރޮގްރާމެއް މިދިޔަ އަހަރު ވަނީ ކުރިއަށް ގެންދަވާފައެވެ. 30 މިލިއަން ރުފިޔާގެ މި ޕްރޮގްރާމްގައި މިހާހިސާބަށް، 62 ފަރާތެއް ކަނޑައަޅުއްވައި، ލޯނު ދޫކުރުމަށް ވަނީ ފައްޓަވާފައެވެ.

މަސްވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ ބޭނުން ހިފޭނެމަގު ތަނަވަސްކޮށްދެއްވުމަށްވެސް އަދުގެ ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މަސްވެރިކަމުގެ ދާއިރާ، ސިނާޢަތެއްގެ ގޮތުގައި ކުރިއަރުވައި، މި ސިނާޢަތަށް ބޭނުންވާ މީހުން ބިނާކުރުމަށް ޢިލްމީ ރޮނގުންވެސް ހަރުދަނާ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވޭތުވެދިޔަ ދޮޅު އަހަރެއްހައި ދުވަހަކީ މަސްވެރި ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ދުވަސްތަކެކެވެ. ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދެވުމަށް ޙިކުމަތްތެރިކަމާއެކު އަދުގެ ސަރުކާރުން މިހާރުވެސް ގެންދަވަނީ މަސައްކަތްކުރައްވައި، ޢަމަލީ ގޮތުން ތަފާތު ދައްކުވައިދެއްވަމުންނެވެ.