ޔަންގް ޕްލެޔަރސް ސްޕޯޓްސް ކުލަބާއި އއ. ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ރިލެކްސް ފެރީ ސަރވިސް ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަނުން ބަލިކޮށް އަފީންސް ލީގުގެ އެއްވަނައަށް އަރައިފިއެވެ.
ކޭ.ކޭ ކަނޑުމައްޗާ ބައްދަލުކުރި މިމެޗު އަފީންސް ކާމިޔާބުކުރީ 7-2 ނެވެ. ކަނޑުމައްޗާއި އަފީންސް އަކީ މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުުރި ދެ ޓީމެވެ. މިމެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދީ ކަނޑުމަތި ޓީމުންނެވެ. މި ލަނޑު މެޗުގެ ކުރީކޮޅު ކަނޑުމައްޗަށް ކާމިޔާބުކޮށްދިނީ ކުރީގެ ފުޓްބޯޅަ ތަރި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އެވެ. ކަނޑުމަތީގެ ދެވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ޒަމީރު (މެސީ) އެވެ.
މިމެޗުގައި އަފީންސްގެ މުހައްމަދު ލިޔާޙް އާއި މުހައްމަދު ފާސިރު (ފާއްޓޭ) ވަނީ ކޮންމެ ކުޅުންތެރިން ދެ ލަނޑު ޖަހާފައެވެ. މީގެއިތުރުން އަފީންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ރިއްފަތު (ރިއްޕެ)، މުހައްމަދު އަޔާޒް އަދި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަރޑްސް) އެވެ.
މި ނަތީޖާއާއެކު އަފީންސް ވަނީ ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހަމަކޮށް ލީގު ބުރުގެ އެއްވަނަ އަށް އަރާ ފައިނަލްގެ ޖާގައަކާ ކައިރިއަށް ޖެހިލާފައެވެ.
ވައި.ޕީ ވެޓަރަންސް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް އޯލްޑް ސްޓަރސްވެސް ވަނީ ފައިނަލްގެ އުއްމީދު ދަމަހައްޓާފައެވެ. އެފް.ސީ މަތިވެރި އާއި ބައްދަލުކުރި މިމެޗު އޯލްޑް ސަޓަރސް އިން ކާމިޔާބުކުރީ 6-0 ނެވެ.
މިމެޗުގައި އޯލްޑް ސްޓަރސްގެ ތަރި އާދަމް ލަރީފް (ރޮނާބެ) ވަނީ ހެޓްރިކް ހަދާ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައެވެ. މީގެއިތުރުން އޯލްޑް ސްޓަރސްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ފުޓްސަލްގެ ކުރީގެ މަޝްހޫރު ތަރި އިސްމާއިލް މުހައްމަދު (ބޮލޭ) އާއި އިބްރާހިމް ނަސީމްއެވެ. ބޮލޭ ވަނީ ދެ ލަނޑު ޖާހާފައެވެ.
މިއީ އޯލްޑް ސްޓަރސް މިމުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ދެ މެޗުވެސް ކާމިޔާބުކޮށް އޯލްޑް ސްޓަރސް އޮތީ ހަ ޕޮއިންޓާއެކު ލީގު ތާވަލްގެ ދެވަނާގައެވެ. ތިން މެޗުން ތިން ޕޮއިންޓާއެކު ތިންވަނާގައި އޮތީ ކޭ.ކޭ ކަނޑުމަތި އަދި ދެ މެޗުން ޕޮއިންޓެއް ހޯދައިގެން ހަތަރު ވަނާގައި މަތިވެރީގެ އާރް.ކޭ އޮތް އިރު ދެ މެޗުން ބަލިވެ އެފް.ސީ މަތިވެރި އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ.
މިމުބާރާތް ކުޅެވިގެންދަނީ ލީގު އުސޫލުން، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާގޮތަށެވެ. އަދި ދެވަނަ އާއި ތިން ވަނަ ފައިނަލުން ޖާގައެއް ހޯދުމަށް ޕްލޭ އޯފް މެޗެއް ކުޅެންޖެހޭނެއެވެ.