ޚަބަރު

ބާސެލޯނާ މޮޅުވެ ފަރަގު ބޮޑުކޮށްފި


ސްޕެނިޝް ލަލީގާގައި ރޭ ވަޔަޑޮލިޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން ލިބިފައިވާ 79 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 72 ޕޮއިންޓެވެ. ތާވަލުގެ ފުލުގައި އޮތް ވަޔަޑޮލިޑް އަށް ލިބިފައިވާ 16 ޕޮއިންޓާއެކު އެ ޓީމު ވަނީ ލަލީގާއިން ރެލިގޭޓް ވެފަ އެވެ.

ބާސެލޯނާއިން މި މެޗަށް ނިކުތްއިރު ކޯޗު ހެންސީ ފްލިކް ވަނީ މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިންޓަރ މިލާނާއި ދެކޮޅަށް ނިކުތް ޓީމަށް ނުވަ ބަދަލެއް ގެނެސްފަ އެވެ. އިންޓަރ މިލާނާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު މި ހަފްތާގައި އިޓަލީގައި ކުޅޭ ދެވަނަ ލެގަށް މުހިންމު ކުޅުންތެރިންނަށް އޭނާ ވަނީ އަރާމު ކުރަން ފުރުސަތު ދީފަ އެވެ.

ލަލީގާއިން ރެލިގޭޓް ވެފައިވާ ވަޔަޑޮލިޑް އިން ވަނީ މެޗުގެ ހަވަނަ މިނިޓުގައި ލަނޑެއް ޖަހާ ބާސެލޯނާ އަށް ނުތަނަވަސްކަން ގެނުވާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިވާން ސަންޗޭޒް އެވެ.

ފުރަތަމަ ހާފުގެ 38 ވަނަ މިނިޓުގައި ބާސެލޯނާގެ ޑެނީ ރޮޑްރިގޭޒް އަށް އަނިޔާވުމާއިއެކު ހެންސީ ފްލިކް ވަނީ އޭނާގެ ބަދަލުގައި ލަމީން ޔަމާލް ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލާއިއެކު ބާސެލޯނާގެ ކުޅުން އިތުރަށް ވަނީ ވަރުގަދަ ވެގެންގޮސްފަ އެވެ.

ދެވަނަ ހާފަށް ނިކުތްއިރު ފްލިކް ވަނީ އެ ޓީމަށް އިތުރު ދެ ބަދަލު ގެނެސްފަ އެވެ. އެގޮތުން ޕެޑްރީ އާއި އަންސޫ ފަތީގެ ބަދަލުގައި ފްރެންކީ ޑެޔޮންގް އާއި ރަފީނިއާ އަށް ވަނީ ފުރުސަތު ދީފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނިޓުގައި ރަފީނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މި ސީޒަނުގައި ލަލީގާގައި އޭނާ ޖެހި 16 ވަނަ ލަނޑެވެ.

ބާސެލޯނާއަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރު ވެފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ފާރމިން ލޯޕޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ލަލީގާގައި މިއަދު ސެލްޓަވީގޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަވެގެންދާނެ އެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުން ލީގު ޗެމްޕިއަންކަން ކަށަވަރުވެގެންދާނެ އެވެ.