ޚަބަރު

އެކަޑަމީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް މާޒިޔާއަށް


ބާރަ އަހަރުން ދަށުގެ އެކަޑަމީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް މާޒިޔާ އެކަޑަމީން ހޯދައިފިއެވެ.

1-3 މެއިގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ ހޮނިހިރުދުވަހުގެ ހަވީރު ހެންވޭރުދަނޑުގައެވެ. ފައިނަލް މެޗުގައި ޖޫނިއާ ފުޓްބޯލް އެކަޑަމީއާއި ބައްދަލުކޮށް މާޒިޔާއިން މެޗު ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

ފައިނަލްމެޗާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސް އާއި މައުލޫމާތު ހިއްސާ ކުރަމުން މާޒިޔާ އެކަޑަމީ ޓީމުގެ ކޯޗު އިބްރާހިމް ހަލީމް ބުނީ މުބާރާތް ފެށިއިރުވެސް ސެމީއާއި ހަމައަށް ދެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި ފައިނަލު މެޗު ކާމިޔާބުކޮށް ޖެހިޖެހިގެން 3 ވަނަ ފަހަރަށް މި މުބާރާތުގެ ތަށި ހޯދުނީ އެޓީމުގެ ކުދިންގެ ވަރަށް ބުރަ މަސައްކަތަކުން ކަމަށާއި، ބެލެނިވެރިންގެ ވަރަށް ބޮޑު އެއްބަރުލުމަކާއި އެކުގައި ކަމަށެވެ.

މި މުބާރާތް އިންތިޒާމުކުރި މައިލޯ އެކަޑަމީން މިފަދަ ފުރުސަތެއް 12 އަހަރުން ދަށުގެ ކުދިންނަށް ފަހިކޮށްދިން ކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށާއި، މި މުބާރާތުގައި އަތޮޅު ތެރެއިން އައިސް ތިބި ވަރަށް ހުނަރުވެރި ކުދިންވެސް ފެނިގެން ދިޔަ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މުބާރާތުގެ ރަނަރަޕްކަން ހޯދި ހުޅުމާލެ ޖޫނިއާ ފުޓްބޯލް އެކަޑަމީގެ ކޯޗު އަބުދުﷲ ބުނީ ފައިނަލްގައި މިބުރު ބަލިވިޔަސް އަންނަ އަހަރު ނިކުންނާނީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ.
ދަނޑު ލިބުމުގައި ހުރި ދަތިތަކާއި ހުރެ މިއަހަރުގެ މުބާރާތަށް އެކަށީގެންވާ ވަރަށް ތައްޔާރެއް ނުވެވުނު ކަމަށްވެސް އޭނާ ބުންޏެވެ.

ކޮންމެ އަހަރަކުވެސް ސެމީ ފައިނަލާ ހަމައަށް އާދެވޭ ކަމަށާއި، ދެން އަންނަ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދަން ޖޫނިއާ ފުޓްބޯލް އެކަޑަމީން ވަރަށް މަސައްކަތް ކުރާނެ ކަމަކޯޗު ބުންޏެވެ.

12 އަހަރުން ދަށުގެ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޯދީ އެޑްވެންޗަރ ފުޓްބޯލް އެކަޑަމީންނެވެ.

ފުޓްބޯޅަ ކާނިވަލެއްހެން ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 44 އެކަޑަމީއަކުން 44 ޓީމުން ބައިވެރިވި މި މުބާރާތުގައި 772 ކުޅުންތެރިން ކުޅެފައިވެއެވެ.